ޖެހުނު މައްސަލަތަކަކާއި ގުޅިގެން ބޮލީވުޑްގެ ފިލްމު “ދޯސްތާނާ 2” ގެ ކާސްޓަށް ބަދަލު ގެނެސް، އަލުން އޭގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން 2019 ގައި މަސައްކަތް ފެށި މި ފިލްމުގެ ލީޑް ތަރިންގެ ގޮތުގައި ހަމަޖައްސާފައިވަނީ ކާތިކް އާރިއަން އާއި ޖާންވީ ކަޕޫރްގެ އިތުރުން ލަކްޝައާ އެވެ. އެހެންނަމަވެސް، “ދޯސްތާނާ 2” ގެ މަސައްކަތް ހުއްޓުމަކަށް އައީ ކާތިކާ ދަރުމާގެ ޓީމާ ޖެހުނު މައްސަަލަތަކަކާ ގުޅިގެންނެވެ. މި މައްސަލަތަކާއި ގުޅިގެން އޭނަ ފިލްމުން ވަކިކޮށްފައިވާއިރު، ދިމާވި އަސްލު މައްސަލަ އަދި ހަމަކޮށްފައެއް ނުވެއެވެ.
މި މައްސަލައިގެ ސަބަބުން ކާތިކާއި ކަރަންްގެ ދެމެދު ވެސް މައްސަލަ ޖެހުނެވެ. އެހެންނަމަވެސް މި މައްސަލަ ހައްލުކޮށް، އަންނަ އަހަރު ދަރުމާ އިން ގެނެސްދިނުމަށް ހަމަޖެހިފައިވާ “ނާގްޒިއްލާ” އިން ކާތިކް ފެނިގެންދާނެއެވެ.
“ދޯސްތާނާ 2” ކާތިކް ނުލައި ހެދުމަށް މިހާރު ތައްޔާރުވަމުން އަންނަ އިރު، ރިޕޯޓްތައް ބުނާ ގޮތުން ކާތިކްގެ ބަދަލުގައި ފިލްމުގެ ބަތަލުގެ ރޯލުން ފެނިގެންދާނީ ވިކްރާންތު މަސީ އެވެ.
މި ފިލްމުގެ ޑައިރެކްޓަރަކީ “ނާދާނިޔާން” ގެ ޑައިރެކްޓަރު ޝައުނާ ގޯތަމް ކަމަށް ރިޕޯޓްތައް ބުނެއެވެ.
“ދޯސްތާނާ 2” އަކީ ނެޓްފްލިކްސް އަށް ދޫކޮށްލާނެ ފިލްމެއް ކަމަށްވެސް ރިޕޯޓްތައް ބުނާއިރު ފިލްމުގެ ޝޫޓިން މި އަހަރުގެ ފަހުކޮޅު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

