ހުޅުމާލޭގެ ފަރުކޮޅުފުށީގައި ގަސް ހެއްދުމަށް ނާސަރީއެއް ތަރައްގީކޮށް ހިންގުމަށް، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް ޓޫރިޒަމާއ އެޗްޑީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، 5 މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމަށް ބޭނުންވާ ގަސް ހެއްދުމަށް ގާއިމްކުރެވޭ މި ނާސަރީ ހުރިހާ އޮޕަރޭޝަނަލް މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވަނީ އެޗްޑީސީއިންނެވެ.
ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޗްޑީސީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، އެ ކުންފުނިން ވަނީ އެއް މިލިއަން ގަސް އިންދުމަށް ޕްލެޖެއްގައި މިދިޔަ ފެބްރުއަރީ މަހު ސޮއިކޮށްފައެވެ.
މި އެއް މިލިއަން ގަސް، ހުޅުމާލޭގެ އިތުރުން ރަސްމާލެއާއި، ކުޑަގިރީގެ އިތުރުން، ތިލަފުށި އަދި ގުޅީފަޅުގައި އިންދުމަށް ހަމަޖެހިފައިވާއިރު، އެޗްޑީސީގެ އަމާޒަކީ، އެ ކޯޕަރޭޝަންގެ ބެލުމުގެދަށުގައި ހުރި ހުރިހާ ރަށްތަށް ފެހިކޮށް، ހިތްފަސޭހަ، ފެހި މާހައުލަކަށް ހެދުމެވެ.