ފީފާގެ ކޮންގްރެސް ފަށަން އޮތް ގަޑިއަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހާޒިރުވެފައިނުވާތީ، ޔުއެފާގެ ރައީސްގެ އިތުރުން ޔޫރަޕުގެ ބައެއް ފުޓްބޯޅަ އެސޯސިއޭޝަންތަކުން އެ ކޮންގްރެސް ބޮއިކޮޓް ކޮށްފިއެވެ.
ފީފާގެ ރައީސް ކޮންގްރެސްއަށް ހާޒިރުވެފައިވަނީ ކޮންގްރެސް ފަށަން އޮތް ގަޑިއަށްވުރެ ދެ ގަޑި އިރާއި 17 މިނިޓު ފަހުންނެވެ. މިކަމާއި ހިތްހަމަނުޖެހުން ފާޅުކޮށް، އިންފަންޓީނޯ ކޮންގްރެސް ބާއްވާ ހޯލަށް ވަނުމާއެކު ޔޫއެފާގެ ރައީސް އެލެކްޒެންޑަރ ކެފަރިންގެ އިތުރުން އިނގިރޭސި އެފްއޭގެ ރައީސް އާއި ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސްގެ އިތުރުން ކޮންކާކަފް އަދި ކެރީބިއަން ގެ ފުޓްބޯޅަ ފެޑަރޭޝަންތަކުގެ ވެރިން ވަނީ ކޮންގްރެސް ބާއްވަމުންދިޔަ ހޯލުން ދޫކޮށް، ނުކުމެފައެވެ.
މި މައްސަލައިގައި ލަހުން ކޮންގްރެސް އަށް ވަޑައިގެންނެވުނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު މެދު އިރުމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާއި ގުޅިގެން އެ އެފަރާތްތަކާއިއެކު ބާއްވަން އޮތް މަޝްވަރާ ބައްދަލުވުންތަކާއި ގުޅިގެންކަމަށް އިންފަންޓީނޯ ވަނީ ވިދާޅުވެފަ އެވެ.
އެހެންނަަމަވެސް ޔޫއެފާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފީފާގެ ކޮންގްރެސް އަކީ ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ މުހިންމު ބައްދަލުވުންކަމަށާއި މިއީ ދުނިޔޭގެ 211 މެމްބަރު ގައުމުގެ ފުޓްބޯޅައިގެ ވެރިން އެއްވެ، ފުޓްބޯޅަ އާއި ގުޅޭ ގޮތުން ގިނަ ކަންތައްތަކެއް ނިންމާ ބައްދަލުވުމެއް ކަމަށްވީއިރު، މި ކޮންގްރެސް އަށް އެ އިދާރާގެ ރައީސް އަށް ވަޑައިނުގެންނެވުމުން ގިނަ ކަންތައްތަކެއް ހާމަވެގެންދާ ކަމަށެވެ. އަދި އެންމެ ފަހު ވަގުތު އެޖެންޑާ އަށާއި ވަގުތަށް ބަދަލުތައް ގެނައުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް މި ބަޔާނުގައިވެއެވެ.

