މުދައްރިސުންނަށްވުރެ ޝަރަފުވެރި، ޤަދަރުވެރި، އިއްޒަތްތެރި ބަޔަކު ތިބޭނެ ކަމަކަށް ނުދެކޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު ވިދާޅިވެއްޖެއެވެ.
މިނިސްޓަރ ޝަފީއު މިހެން ވިދާޅުވީ ރ. ހުޅުދުއްފާރު ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރ މި ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވީ ޝަރަފުވެރި މެހެމާނުގެ ހައިސިއްޔަތުންނެވެ.
މި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވަނީ، އޯލެވެލް އަދި އޭލެވެލްގައި ބެސްޓްއޯލް އަރައުންޑް ނަތީޖާ ހާސިލުކުރެއްވި ދަރިވަރުންނަށް ޚާއްސަ ތަހުނިޔާއާއި މުބާރަކްބާދީ އަރިސްކުރައްވާފައެވެ. އަދި މުދައްރިސުންގެ އަގުހުރި ޚިދުމަތާއި، އެ ބޭފުޅުންނަށް ލިބެންވާ އިޙްތިރާމާއި ޤަދަރުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ މުދައްރިސުންނަށްވުރެ ޝަރަފުވެރި، ޤަދަރުވެރި، އިއްޒަތްތެރި ބަޔަކު ތިބޭނެ ކަމަކަށް ނުދެކޭ ކަމަށާއި، އެންމެ ހަގު އުމުރުން ފެށިގެން 12 އަހަރު ވަންދެން ރަސްމީ ތަޢުލީމު ފޯރުކޮށްދެނީ މުދައްރިސުން، ކަމަށެވެ.
މުދައްރިސުންގެ ފަންނީ ކުރިއެރުމަށް އިސްކަންދިނުމުގެ މުހިންމުކަމާއި، ތަޢުލީމީ ދާއިރާގައި ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމުގެ މުހިންމުކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މައިންބަފައިންނާއި މުދައްރިސުންނަށް އިޙްތިރާމްކުރާ އަދި ބަސް އަހާ، އެ ފަރާތްތަކުން ކުރައްވާ އަގުހުރި މަސައްކަތުގެ އަގު ވަޒަންކުރުމަށް ހުރިހާ ދަރިވަރުންނަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.