ޢާއިލާއެއްގެ ބޯހިޔާވަހިކަން ހަމަޖެއްސުމަށް އެހީ ޖަމިއްޔާއާއި ނެކްސިފައި މޯލްޑިވްސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިގޮތުން، މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިކަމާއި ގުޅިގެން މި ވުޒާރާގައި މިއަދު ކުރިއަށްދިޔަ ބައްދަލުވުމުގެ ތެރެއިންނެވެ.
ފުދުންތެރިކަން ދަށް ޢާއިލާތަކަށް ދާއިމީ ބޯހިޔާވަހިކަން ހޯދައިދިނުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އާއި އެހީ ޖަމިއްޔާއާ ގުޅިގެން ކުރެވެމުން އަންނަ މަސައްކަތުގެ ތެރެއިން ނެކްސިފައި މޯލްޑިވްސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މި އެއްބަސްވުމުގެ ދަށުން ޢާއިލާއަށް 02 ކޮޓަރި އާއި ސިޓިންރޫމެއްގެ އެޕާޓްމަންޓްއެއް، 6 މަސް ދުވަސް ތެރޭގައި ހަދައިދިނުމަށް ވަނީ ހަވާލު ކުރެވިފައެވެ.
ނާޒުކު އަދި ހަވާސާވެފައިވާ ފަރާތްތަކުގެ ހައްޤުތައް ހިމާޔަތްކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާއި އެއްގޮތަށް، އެއްވެސް ފަރާތެއް ބާކީ ނުވާ އޯގާތެރި މުޖުތަމަޢެއް ބިނާ ކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ކުރަމުންދާ މަސައްކަތުގައި ޖަމިއްޔާތަކާއި އެކިއެކި މުއައްސަސާތަކުން ލިބޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ވަރަށް ޚާއްސަ ޝުކުރެއް އަދާކޮއްފައެވެ.

