ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން މިއަދު ހަވީރު ޚާއްސަ ކުޑަކުދިންގެ ހަވީރެއް ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމަށް ވިޔަފާރިއާއި އިޤްތިޞާދީ ތަރައްޤީއާބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު މައުރަޒުކަމަށްވާ މި މައުރަޒުގައި ތިން ހާހަށްވުރެ ގިނަ އުފެއްދުން ހިމެނޭއިރު، މިއަދުގެ ހަވީރު ޚާއްސަކޮށްފައިވަނީ ކުޑަކުދިންނަށެވެ. ދައުލަތުގެ މީޑިއާ އަށް މަޢުލޫމާތު ދެމުން އިޤްތިޞާދީ ވުޒާރާއިން ބުނީ، ކުޑަކުދިންގެ ހަވީރުގައި އެކި އުމުރުފުރައިގެ ކުދިންނަށް ޚާއްސަ ކުޅިވަރުތަކާއި، ވީޑިއޯ ގޭމްސް ޒޯނެއް ޤާއިމުކުރެވިފައިވާ ކަމަށެވެ.
މީގެއިތުރުން، ކުޑަކުދިންގެ މެދުގައި މަޤުބޫލު ރޮބޯމޭންވެސް މިއަދު ހަވީރު މައުރަޒުގައި ކުދިންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން ފާހަގަކުރިއެވެ. އަދި މިރޭ ބޮޑުބެރުގެ އެކި ހުށަހެޅުންތައްވެސް ކުރިއަށްދާނެކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
މި މައުރަޒުގައި ޤާއިމުކޮށްފައިވާ މާކެޓް ޕްލޭސްގައި އެކި ބާވަތުގެ ތަކެތި ވިއްކުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ކާބޯތަކެތީގެ އެކި ރަހަތައް ތަޖުރިބާކުރުމުގެ ފުރުސަތުވެސް ލިބެއެވެ. މީގެ ތެރޭގައި ފުވައްމުލަކަށް ޚާއްސަ ބާބާ ގާޑިއާވެސް ހިމެނެއެވެ.
މި މަހުގެ 23 އިން 31 އަށް ކުރިއަށްދާ މި މައުރަޒުގައި މާލެއާއި އަތޮޅުތަކުގެ ރަށްރަށުން ގިނަ އުފެއްދުންތަކެއް ބައިވެރިކޮށްފައިވާކަން ފާހަގަކުރެވެއެވެ.

