މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދިވެހިރާއްޖޭގައި ބޭންކިންގ ޚިދުމަތް ދިނުމަށް ބޭނުންވާ ޕްރީ-އޮޕަރޭޝަނަލް ހުއްދަ ދެ ފަރާތަށް ދީފިއެވެ.
އެމްއެމްއޭއިން މިއަދު ބުނި ގޮތުގައި މިއީ މާލީ ނިޒާމް ހަރަދުދަނާކޮށް ކުރިއެރުވުމަށް އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތުގެ ތެރެއިން ދެވުނު ހުއްދައެއް ކަމަށެވެ.
މި ހުއްދަ ދީފައިވަނީ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން (އެމްއެފްއެލްސީ) އާއި ބީއައިސީ ބޭންކް މޯލްޑިވްސްއަށެވެ.
މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ ޕވޓ ލޓޑ (އެމްއެފްއެލްސީ) އަށް މި ހުއްދަ ދޫކުރީ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ބޭންކްގެ ނަމުގައި ޓިއަރ 1 ބޭންކްއަކަށް ބަދަލުކުރުމަށެވެ. އަދި ބީއައިސީ ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް މި ހުއްދަ ދީފައި ވަނީ ބީއައިސީ ބޭންކް މޯލްޑިވްސްގެ ނަމުގައި ޓިއަރ 1 ބޭންކްއެއް ޤާއިމްކުރުމަށެވެ.
މިހާރު ބޭންކިން ހިދުމަތް ދެނީ:
- ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)
- މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)
- ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)
- ބޭންކް އޮފް ސިލޯން (ބީއޯސީ)
- ހަބީބް ބޭންކް
- މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ)
- ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް)
މި އެޅުނު ފިޔަވަޅަކީ ރާއްޖޭގައި މާލީ ޚިދުމަތްތައް ފުޅާކޮށް، ވާދަވެރިކަން އިތުރުކޮށް، އަދި ދިވެހިރާއްޖޭގެ މާލީ ދާއިރާގެ ދުރު ރާސްތާގެ ކުރިއެރުމަށް އެހީތެރިވެދޭނެ މުހިންމު ފިޔަވަޅުތަކެއްކަމަށް ދެކޭކަމަށް ވެސް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

