ބޮލީވުޑްގެ މަޝްހޫރު ތަރި، އިމްރާން ހާޝިމީ އަށް ޑެންގޫ ޖެހި، ވަގުތީ ގޮތުން ފިލްމީ މަސައްކަތްތަކާ ދުރުވާން ޖެހިއްޖެއެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިމްރާނަށް ޑެންގޫ ޖެހުނީ މުމްބާއީގެ ގޯރޭގާއޯންގެ އާރޭ ކޮލޮނީގައި އޭނާގެ ފުރަތަމަ ތެލެގޫ ފިލްމު “އޯޖީ” ގެ ޝޫޓިންގައި އުޅެނިކޮށް ކަމަށެވެ.
ޑެންގޫ ޖެހުމާއި ގުޅިގެން އޭނާ ބައްޔަށް ފަރުވާ ހޯދަން ފަށާފައިވާ އިރު، ގިނަ ވަގުތު އަރާމު ކުރުމަށް ޑޮކްޓަރު ވަނީ ލަފާ ދީފަ އެވެ. ެއެހެންކަމުން، މަދުވެގެން ހަފުތާއެއްހާ ދުވަހު އިމްރާނަށް ގޭގައި މަޑުކުރަން ޖެހޭނެއެވެ.
“އޯޖީ” ގެ ޓީމުން ވަނީ އިމްރާނަށް ކުރިމަތިވި ސިއްހީ ހާލަތުގެ ސަބަބުން މަސައްކަތްތާ ދުރުވާން ޖެހުނުކަމުގައި ވިޔަސް މި ދަނޑިވަޅަކީ އޭނަގެ ސިއްހަތަށް އިސްކަން ދޭން ޖެހޭ ވަގުތެއް ކަމަށް ގަބޫލުކުރާ ކަމަށް ބުނެފައެވެ.
“އޯޖީ” ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ސެޕްޓެމްބަރ މަހުގެ 25 ގައިއެވެ. ފިލްމުގައި އިމްރާން ފެނިގެންދާނީ ވިލަންއެއްގެ ރޯލުންނެވެ.
“ޖަންނަތު” ، “މާޑާ” އަދި “ޒެހެރް” ފަދަ ކާމިޔާބު ފިލްމުތަކުން ފެނިގެންގޮސްފައިވާ 46 އަހަރުގެ އިމްރާންގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ އެޕްރީލް މަހު ރިލީޒްކުރި ވަތަނީ އެކްޝަން ތުރިލާ “ގްރައުންޑް ޒީރޯ” އެވެ.

