ހުޅުމާލޭ ފޭސް 3 އިން ކުރީގެ ސަރުކާރުން ދޫކޮށްފައިވާ ގޯތިތަކުން، އެއްވެސް ގޯއްޗެއް އުނި ނުވާގޮތަށް ދިނުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށާއި ރައްޔިތުންގެ ދިރިއުޅުން ފަހިކޮށްދިނުމަށް ކަމަށެވެ. މިގޮތުން ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމަކީ މިވަގުތު ރާއްޖޭގައި ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލަ ކަމަށް ވިދާޅުވިއެވެ.
“ޖުމްލަ ވައުދަކީ ގޯއްޗެއް ވިޔަސް، ފްލެޓެއް ވިޔަސް އަތެއް ނުލާނަމޭ. ދޭނަމޭ. އެހެންވީމާ އިއްޔެ މި ނިންމުމަކީ މިދިޔަ ސަރުކާރުން އެދިން ލިސްޓު، އެ ލިސްޓުގައި އޮތް ގޮތަށޭ އަޅުގަނޑުމެން ކުރިއަށްދާނީ،” ރައީސް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް އޮޅުވާލައިގެން ޝަރުތު ހަމަނުވާ ފަރާތްތަކުން ލިބިފައިވާ ގޯތިތައް އުނިކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ހުޅުމާލޭ ފޭސް 3 ގެ މާސްޓަރ ޕްލޭން އަލުން ރިވައިޒްކޮށް، މިޒަމާނުގެ ކޮންސެޕްޓަށް ފެތޭގޮތަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން ކުރިން ރޭވިފައިވާ ގޮތަށް ފަޅު މުޅިން ހިއްކުމުގެ ބަދަލުގައި، ސިޓީއަކަށް ބޭނުންވާނެ ރަނގަޅު ފަޅެއް ބާއްވައި، އެއްވެސް ގޯއްޗެއް އުނި ނުވާގޮތަށް ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
މީގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ، ފްލެޓްތައް ނިމެމުންދާ ވަރަކަށް ރައްޔިތުންނާ ހަވާލުކުރަމުން ގެންދާނެ ކަމަށާއި، ސެޕްޓެމްބަރު މަހާ ހަމައަށް ވީހާވެސް ގިނަ ފަރާތްތަކަކަށް ފްލެޓް ހަވާލުކުރުމަކީ ސަރުކާރުގެ އުންމީދު ކަމުގައެވެ.

