އިންޑިއާ ކަނޑުގެ ސަރަހައްދީ ސުލްހައާއި ހަމަޖެހުން ނަގާލުމަށް ދިވެހިރާއްޖޭގެ ސަރަޙައްދު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު އެއްވެސް ޤައުމަކަށް ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިހެން ވިދާޅުވެފައިވަނީ ސްރީ ލަންކާގެ “ސިލޯން ޓުޑޭ” އަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.
ސްރީ ލަންކާގެ ސަރަޙައްދަށް ވަނުމަށް އެޤައުމުން ހުއްދަ ނުދިން ޗައިނާގެ ދިރާސީ އުޅަނދަށް ރާއްޖެއިން މަރުޙަބާ ކިޔާފައިވާ މައްސަލައާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، “ދިވެހިރާއްޖެއަކީ ވަކި ފަރާތަކަށް ނުޖެހުމުގެ ޚާރިޖީ ސިޔާސަތެއް އަބަދުވެސް ގެންގުޅެމުން އަންނަ ޤައުމެއް” ކަމަށެވެ. އަދި މީގެ ކުރިން ވެސް އެހެން ޤައުމުތަކުގެ އަސްކަރީ އުޅަނދުފަހަރަށް ރާއްޖޭގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދީފައިވާނެ ކަމަށާއި، މިއީ ދިވެހީންގެ މެހެމާންދާރީއާއި އެކުވެރިކަން ދައްކުވައިދޭ ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ޗައިނާއަށް ފަހި ސިޔާސަތެއްތޯ އުފެދޭ ސުވާލުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ޗައިނާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއަށް އެހީތެރިވަމުން އަންނަ އެކުވެރި ޤައުމެއް ނަމަވެސް، “ދިވެހި ޚާރިޖީ ސިޔާސަތު ބޭރުގެ ވަކި އެއްވެސް ޤައުމަކަށް ފަހިވެގެން ނުދާނެ” ކަމަށެވެ.
ޖިއޯޕޮލިޓިކްސްގެ ގޮތުން އަންނަ ބަދަލުތަކާ ގުޅިގެން ދިވެހި ޚާރިޖީ ސިޔާސަތަށް ގެންނަ ބަދަލުތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، މިއީ ހަރުދަނާ ވެރިކަމެއްގެ ސިފައެއް ކަމަށެވެ. އަދި “އިންޑިއާ ވިޔަސް ޗައިނާ ވިޔަސް އަދި އެމެރިކާ ވިޔަސް ދިވެހިރާއްޖެ އޮތީ އެކުގައި ސަރަހައްދީ ހަމަޖެހުމަށް މަސައްކަތް ކުރުމަށް ތައްޔާރަށް” ކަމަށް ވެސް ވިދާޅުވިއެވެ.
އިންޓަވިއުގައި ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގައި ޗައިނާއާ ގުޅިގެން ކުރާ މަސައްކަތްތަކަކީ ހަމައެކަނި ތިމާވެށީގެ ދާއިރާއިން ކުރާ ތަހުލީލުތަކާއި ދިރާސާތަކެވެ. އަދި ދިވެހި އިޤްތިޞާދީ ހާލަތު މިހާރު ރަނގަޅުވަމުން އަންނަނީ މިސަރުކާރުން ނެގި އުދަނގޫ ނަމަވެސް ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ވެސް ވިދާޅުވިއެވެ.

