ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުނު “ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު 2025” އަށް ދެލައްކައާ ގާތްކުރާ އަދަދަކަށް މީހުން ޒިޔާރަތްކޮށްފައިވާކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން މައުލޫމާތު ދީފިއެވެ.
މެއި 23 އިން 31 އަށް ކުރިއަށް ގެންދިޔަ މި މައުރަޒަކީ އިގްތިސާދީ ތަރައްގީއާއި ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން ގުޅިގެން، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަގްސަދުގައި ބޭއްވި މައުރަޒެކެވެ.
ބީސީސީގެ އެސިސްޓެންޓް މެނޭޖަރު، ޕީއާރު އިން ކޮމިއުނިކޭޝަން މުހައްމަދު ޝަންމޫނު ވިދާޅުވި ގޮތުގައި މައުރަޒަށް ޒިޔާރަތްކުރި މީހުންގެ ސީދާ އަދަދު އަދި ވަނީ ނުނިމިއެވެ. ނަމަވެސް އަންދާޒާ ކުރެވޭ ގޮތުގައި ދެލައްކައަށްވުރެ ގިނަ މީހުން މައުރަޒަށް ޒިޔާރަތްކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި މައުރަޒުގައި ދިވެހިންގެ ގިނަ އުފެއްދުންތަކެއް ދައްކުވައިދީފައިވާއިރު، މުނިފޫހިފިލުވުމުގެ ހަރަކާތްތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މައުރަޒަށް ޒިޔާރަތްކުރި މީހުންގެ އަދަދަކީ ސަރުކާރުން އުންމީދުކުރި އަދަދަށްވުރެ މަތީ އަދަދެއްކަން ބީސީސީން ފާހަގަކޮށްފައިވެއެވެ.
މި މައުރަޒާ ގުޅޭގޮތުން އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެފައިވަނީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރެއްގައި ކުލަޖެހުނު ކަމެއް ކަމަށެވެ. މި މައުރަޒަކީ ރާއްޖޭގެ އުފެއްދުންތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.