އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ދައުރުގެ ނައިބު ރައީސްކަމަށް ދިވެހިރާއްޖެ އިންތިޚާބުވެއްޖެއެވެ. މި މަޤާމަށް ރާއްޖެ އިންތިޚާބުވެފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.
މި އުފާވެރި ޚަބަރު ހާމަކުރައްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، އދ.ގެ ޖެނެރަލް އެސެމްބްލީގެ 80 ވަނަ ދައުރުގެ ކާމިޔާބީ ކަށަވަރުކުރުމަށް ބައިވެރިންނާ ގުޅިގެން މަސައްކަތްކުރުމަށް ވަރަށް ބޮޑަށް ޝައުޤުވެރިވާ ކަމަށެވެ.
ނިއުޔޯކްގައި މިއަދު ބޭއްވުނު އިންތިޚާބުގައި އޭޝިއާ ޕެސިފިކް ގްރޫޕަށް މި ސެޝަނަށް ލިބެން ހުރި ފަސް ގޮނޑި ފުރުމަށް ރާއްޖެއާއެކު، ބަންގްލަދޭޝް، ލުބްނާން، ސައުދީ އަރަބިއްޔާ އަދި ޓިމޯރު ލެސްޓޭ ވަނީ އިންތިޚާބުވެފައެވެ. ޚާއްޞަކޮށް ފާހަގަކޮށްލެވޭ ކަމަކީ، މި އަހަރަކީ އދ.ގެ މެންބަރުކަން ރާއްޖެއަށް ލިބުނުތާ 60 އަހަރު ފުރޭ އަހަރު ކަމުގައިވުމެވެ.
އދ.ގެ އާންމު މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުން، ރާއްޖެއިން އާންމު މަޖިލީހުގެ ޕްލެނަރީ ބައްދަލުވުންތައް ބަލަހައްޓާނެއެވެ. މިއީ ރާއްޖެއަށް ލިބިގެންދިޔަ ވަރަށް މުހިންމު ކާމިޔާބީއެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މީގެ ކުރިން އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަމަށް ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ އިންތިޚާބުވެވަޑައިގެންފައެވެ. އެ އިންތިޚާބުގައި ޝާހިދާ ވާދަކުރެއްވީ އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ރަލްމައި ރަސޫލްއެވެ.