އިސްލާމް ދީނުގެ މައިގަނޑު ފަސް ރުކުނުގެ ތެރެއިން އެއް ރުކުންކަމަށްވާ ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި މިއަހަރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ މުސްލިމުން ވަނީ މައްކާއަށް ޖަމާވެފައެވެ. ރާއްޖެއިން މިއަހަރު 1،000 މީހުން ހައްޖަށް ދިޔައެވެ. ކުޅަދާނަކަން ލިބިގެންވާ ކޮންމެ މުސްލިމަކަށްވެސް އުމުރުން އެއްފަހަރު މި މަތިވެރި އަޅުކަން އަދާ ކުރުމަކީ ވާޖިބެކެވެ. ފުދުންތެރި، ފައިސާ ލިބޭ ތަނަވަސް މީހުން އެއް ހައްޖަށްވުރެ ގިނައިން ހައްޖުވާންދާއިރު، ކިތަންމެ ބޭނުން ވިޔަސް ހައްޖަށް ދިއުމުގެ ތަނަވަސްކަން ނެތް މީހުން އަޅުގަނޑުމެންގެ މި ދިވެހި މުޖުތަމައުން ފެންނަލެއް މަދެއް ނޫނެވެ.
މިފަދަ މީހުން އަމިއްލަ މަސައްކަތުން އެމީހުންގެ ހައްޖުވުމުގެ އުއްމީދު ފުރިހަމަ ކުރެވޭތޯ ރެއާދެވާލު ހިތްވަރު ކުރެއެވެ. މިފަަހަރު ހައްޖަށް ދިޔަ 1000 ދިވެހިންގެ ތެރޭގައި މި ހިތްވަރުކޮށްގެން އަމިއްލަ ފައިސާގައި ހައްޖަށް ދިޔަ އަންހެނަކަށް ގިނަބައެއްގެ ސަމާލުކަން ވަނީ ހުއްޓިގައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އެއީ ލޯފަން އަންހެނެކެވެ. އޭނާގެ ހިތްވަރާއި މިންނަތުން ހައްޖަށް ދިއުމުގެ ހުވަފެން ސީދާވި ވާހަކައެެވެ.
އިސްލާމިކް މިނިސްޓްރީގެ އެކްސް ޕޯސްޓެއްގައި އެ ލޯފަން އަންހެންމީހާ އޭނާގެ ވާހަަކަ ހިއްސާ ކުރަމުން ބުނެފައިވަނީ އެންމެ އުފާވަނީ އަމިއްލަ މަސައްކަތުން ހޯދި ލާރީގައި މި ދަތުރު ދެވޭތީ ކަމަށެވެ.
“އަޅުގަނޑު ވަރަށް އުފާވޭ މި ފުރުޞަތު ލިބުނީތީ، މިއީ ވަރަށް ގިނަ ދުވަހުގެ އުއްމީދެއް މިއަދު މިފުރިހަމަ ވަނީ، ވަރަށްއުފާވޭ، މިހާ ކުޑައިރުއްސުރެ އުއްމީދު ކުރަމުން މިހިސާބަށް އާދެވުނީމަ، އަޅުގަނޑު އެންމެ އުފާވަނީ އަޅުގަނޑު އަމިއްލައަށް މަސައްކަތް ކޮށްގެން ލާރި ހޯދައިގެން އަޅުގަނޑުގެ އަމިއްލަ ލާރީގައި މިދަތުރު ދެވޭތީ،”
ރާއްޖޭގެ ހައްޖު މިޝަނުން މައުލޫމާތު ދެއްވި ގޮތުގައި، ދިވެހި އެންމެހާ ހައްޖާޖީންގެ ހާލު ރަނގަޅެވެ. އަދި މިހާރު ހައްޖުވެރިން މިރޭ އިޝާނަމާދަށް ފަހު މިނާއަށް ދިއުމަށް ދަތުރު ފަށާނެކަމަށާއި މިނާއަށް ދަޔުރު ފެށުމުގެ ކުރިން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް އެ މިޝަނުން ވަނީ ހާމަކޮށްފައެވެ.
ލޯފަން އަންހެނަކު އަމިއްލަ މަސައްކަތުން ހައްޖުގެ އަޅުކަން އަދާ ކުރުމަށް ކުރި މަސައްކަތަކީ ކޮންމެ ބަޔަކަށްވެސް ހިތްވަރު ލިބިދޭފަދަ ވާހަކައެކެވެ. މިއީ ނުކުޅެދުންތެރިކަމެއް ހުރި ނަމަވެސް، ހިތްވަރާއި އަޒުމު ވަރުގަދަ ނަމަ، އަމިއްލަ މަސައްކަތުން ކާމިޔާބު ހޯދިދާނެކަމުގެ ރަނގަޅު މިސާލެކެވެ. މިއީ ފުރިހަމަ ނަމޫނާ މިސާލެކެވެ.

