މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާފުށީ ޖަލުގައި ޙުކުމް ތަންފީޒުކުރަމުންދާ ޤައިދީންނަށް ޚާއްސަކޮށްގެން ފުރަތަމަ ފަހަރަށް “އިންމޭޓްސް ފުޓްސަލް ޓޯނަމަންޓް” ގެ ނަމުގައި ފުޓްސަލް މުބާރާތެއް ބާއްވައިފިއެވެ.
ކަރެކްޝަންސްއިން މަޢުލޫމާތު ދެއްވިގޮތުގައި މި މުބާރާތަކީ ޤައިދީން ދުޅަހެޔޮ ސިއްޙަތެއްގައި ބޭއްތިއްބުމަށާއި، ކުޅިވަރުގެ ތެރެއިން ޤައިދީން ރިހެބިލިޓޭޓްކުރުމަށް ރާވައިގެން ހިންގާ ޕްރޮގްރާމްތަކާ ގުޅުވައިގެން ބޭއްވި މުބާރާތެކެވެ. ދެ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި ގިނަ ވަނަތަކެއް ވަނީ ހޮވާފައެވެ.
މުބާރާތުގެ ފައިނަލް މެޗަށްފަހު، ފެއަރ ޕްލޭ ޓީމާއެކު ދައުލަތުގެ އިސް ވަޒީރުންނާއި އެހެނިހެން އިސްބޭފުޅުން ބައިވެރިވެވަޑައިގެން ފޯރިގަދަ އެކުވެރިކަމުގެ މެޗެއް ކުޅުނެވެ. މިއީ ރާއްޖޭގައި މިފަދަ މެޗެއް ކުޅުނު ފުރަތަމަ ފަހަރެވެ. މި މެޗުގައި ބަންޑާރަނައިބު އަޙްމަދު އުޝާމް، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އަދި އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދުގެ އިތުރުން އެހެން ވަޒީރުންނާއި ސަރުކާރުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މުބާރާތުގެ ފައިނަލް މެޗު ބެލުމަށް ޤައިދީންގެ އާއިލާތަކުންވެސް ވަނީ ޒިޔާރަތްކޮށްފައެވެ. ކަރެކްޝަންސްއިން ފާހަގަކުރެއްވިގޮތުގައި މި މުބާރާތަކީ ޤައިދީންނަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ޤައިދީން ފާހަގަކޮށްފައިވެއެވެ.
އަދި މިފަދަ ހަރަކާތްތައް އިތުރަށް ފުޅާކޮށްދިނުމަށް ޤައިދީން އެދިފައިވާ ކަމަށާއި، މިއީ ޤައިދީން ރަނގަޅުވެ މުޖުތަމަޢަށް ނުކުތުމަށް ހިތްވަރުދޭ ހަރަކާތެއްގެ ގޮތުގައި ޤައިދީން ދެކޭކަމަށްވެސް ކަރެކްޝަންސްއިން ވަނީ ފާހަގަކުރައްވާފައެވެ.