އިސްލާމްދީނުގެ އިމުން ބޭރުނުވެ ޢީދު ފާހަގަ ކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ އިލްތިމާސް ކޮށްފައެވެ.
އެލްޖީއޭ އިން ހުރިހާ ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ރައީސުންނަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ޢީދު ފާހަގަ ކުރުމުގެ މައިގަނޑު މަޤްސަދަކީ އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތައް ދިރުވާ އާލާކުރުމާއި ދިވެހި ސަގާފަތާއި އާދަކާދަ ދިރުވުން ކަމަށެވެ.
އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް ސޮއިކުރައްވާފައިވާ މި ސިޓީގައި ވިދާޅުވެފައިވަނީ، ކައުންސިލްތަކުން ޢީދު ފާހަގަކުރުމުގައި އިސްލާމީ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ކަންކަން ކުރުމަކީ ކައުންސިލްތަކަށް ޤާނޫނުން މަތިކޮށްފައިވާ ދީނީ އެއްބައިވަންތަކަން ޤާއިމު ކުރުމުގެ ޒިންމާގެ ތެރެއިން ކުރަންޖެހޭ ކަމެއް ކަމަށެވެ.
“މި އަހަރުގެ އަޟުޙާ ޢީދު ފާހަގަކުރުމަށް ކައުންސިލުތަކުން ހިންގަވާ ހަރަކާތްތަކަކީ އިސްލާމް ދީނުގެ އިމުން ބޭރުނުވެ އަދި މުޖްތަމަޢުގެ ޢާންމު ޢިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފު ނުވެ ޢާންމު މަސްލަޙަތު ރައްކާތެރިކޮށް ހިންގޭ ހަރަކާތްތަކެއްކަން ކަށަވަރު ކުރުމަށް ދަންނަވަމެވެ،” އެލްޖީއޭގެ ސިޓީގައި ވެއެވެ.
މީގެއިތުރުން، ކައުންސިލުތަކުން ޢީދު ފާހަގަކުރުމަށް އިންތިޒާމު ކުރާ އެންމެހާ ހަރަކާތްތަކަކީ އިސްލާމްދީނުގެ އިމުން ބޭރުނުވާނެ ހަރަކާތްތަކެއްކަން ކަށަވަރު ކުރުމަށާއި، ހަރަކާތްތައް ހިންގުމުގައި ޢާންމު ޢިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ނުވާނެހެން ކަންކަން އިންތިޒާމު ކުރުމަށްވެސް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.