ދެ ޙަރަމުގެ ކަންކަން ބަލަހައްޓާ ސަޢުދީ ޢަރަބިއްޔާގެ އިދާރާއިން މިއަދު އިޢުލާނުކުރި ގޮތުގައި، މި އަހަރުގެ ޙައްޖު ޚުޠުބާ 35 ބަހަކަށް ތަރުޖަމާކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ 5 މިލިއަނަށްވުރެ ގިނަ މުސްލިމުންނަށް ފޯރުކޮށްދޭން ވަނީ ނިންމާފައެވެ.
މި އަހަރުގެ އަރަފާތު ދުވަހުގެ ޚުޠުބާ ދެއްވުމަށް ހަމަޖެހިފައިވަނީ މަސްޖިދުލް ޙަރާމުގެ އިމާމު، ޝައިޚް ޑރ. ސާލިޙް ބިން ހުމައިދެވެ. މިއީ ސަޢުދީ ޢަރަބިއްޔާއިން މިހާތަނަށް ހިންގާ މިފަދަ އެންމެ ބޮޑު ޙަރަކާތް ކަމަށް ވެއެވެ.
މި މަޝްރޫޢު ރަސްމީކޮށް ފައްޓަވައިދެއްވީ ދެ ޙަރަމްފުޅުގެ ކަންކަން ބަލަހައްޓާ އިދާރާގެ ދީނީ ކަންކަމާގުޅޭ ރައީސް، ޝައިޚް ޑރ. އަބްދުލްރަޙްމާން އަލް-ސުދައިސްއެވެ. ޚުޠުބާ ދެމުންދާއިރު ވަގުތުން ތަރުޖަމާ އަރަމުންދާނެ ކަމަށާއި، އިންޓަނެޓު މެދުވެރިކޮށްވެސް ތަރުޖަމާއާއެކު ޚުޠުބާ ބަލައިލެވޭނެ ކަމަށް އެ އިދާރާއިން މަޢުލޫމާތު ދީފައިވެއެވެ.
ޝައިޚް އަލް-ސުދައިސް ވިދާޅުވި ގޮތުގައި، މި މަޝްރޫޢުއަކީ އިސްލާމްދީނަކީ މެދުމިނުގެ ދީނެއްގެ ގޮތުގައި ކުރިއެރުވުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. އަދި މިއީ ދުނިޔޭގެ ހަމަޖެހުމަށް ސަޢުދީ ޢަރަބިއްޔާއިން ކުރަމުންދާ މަސައްކަތުގެ ނަމޫނާއެއް ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ދެ ޙަރަމުގެ ކަންކަން ބަލަހައްޓާ އިދާރާގެ ރިޔާސަތުން ވަނީ ދަރުހުގެ މެސެޖު ފުޅާކޮށް ފޯރުކޮށްދިނުމަށް މީސްމީޑިޔާއާއި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް ނިންމާފައެވެ. މިކަމުން ދީނީ މަޢުލޫމާތު ފޯރުކޮށްދީ، ދީނީ ޝިޢާރުތައް އާންމުންނަށް ފަހުމްވުން އިތުރުވެގެންދާނެ ކަމަށް އެ އިދާރާއިން ބެލެވެއެވެ.

