ދިރާގުން މިއަދު ހެނދުނު އަޟްހާ ޢީދުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ “ދިރާގު އީދު ބޮނޑިބަތް” ބެހުމުގެ ހަރަކާތަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފިއެވެ. އަދި މިއީ މިއީދުގައި އެތައް ބައެއްގެ މޫނު މައްޗަށް އުފާވެރި ހިނިތުން ވުމެއް ގެނުވި ހަދިޔާ އެކެވެ.
މި އަހަރުގެ އަޟްހާ ޢީދު ދުވަހު ޢީދު ނަމާދަށްފަހު ކުރިއަށް ގެންދިޔަ މި ހަރަކާތް ވަނީ މާލެ އަދި ހުޅުމާލޭގައި ބޭއްވިފައެވެ. މާލޭގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މާލެ ސިޓީ ކައުންސިލާ ގުޅިގެން ކަމަށާއި، އަދި ހުޅުމާލޭގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާ ގުޅިގެންކަން ދިރާގުން ފާހަގަކޮށްފައިވެއެވެ.
މި ހަރަކާތާ ގުޅޭގޮތުން ދިރާގުގެ މެނޭޖަރ ބްރޭންޑް އެންޑް އިވެންޓްސް، ނާޔާ ޝަރީފް ވިދާޅުވެފައިވަނީ “ދިރާގު އީދު ބޮނޑިބަތަށް މި އަހަރު ވެސް އާންމުންގެ ފަރާތުން މިހާ ބޮޑު ތަރުހީބެއް ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް” ކަމަށެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ނާޔާ ވިދާޅުވީ، އަޟްހާ އީދުގެ އުފަލުގައި އެންމެން ބައިވެރިކޮށް، މުޖުތަމައުގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ އިޖްތިމާއީ ރޫހު އާލާކޮށް، އެކަކު އަނެކަކާ ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދިނުމަކީ ދިރާގުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމުގައެވެ.
ދިރާގުން ކޮންމެ އަހަރަކުވެސް އީދު ދުވަހު ކުރިއަށް ގެންދާ މި ހަރަކާތަކީ ރާއްޖޭގެ އިޖްތިމާއީ ގުޅުންތައް ބަދަހިކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމުގައި ފާހަގަކުރެވެއެވެ.