ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި 1 މިލިއަިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އައިސްފިއެވެ. މި އަހަރުގެ 1 މިލިއަން ވަނައަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިޔަކީ އިންޑިޔާގެ ރައްޔިތެއް ކަމަށްވާ ކާޖަލް ސިންގްއެވެ.
ކާޖަލް ސިންގް މިއަދު ރާއްޖެ އައިސްފައިވަނީ އިންޑިގޯގެ ފްލައިޓް 6E 1131 ގައި މެންދުރު 12:55 ގައެވެ. ހަނީމޫނަށް މަލަހިނި ކުޑަ ބަނޑޮސްއަށް ކާޖަލް ޒިޔާރަތް ކުރާއިރު، މިއީ އޭނާ ރާއްޖެއަށް ކުރާ ފުރަތަމަ ދަތުރެވެ.
އޭނާ ރާއްޖެއަށް އައުމުން އެއާޕޯޓުން މަރުހަބާ ކިޔާފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމެންޓާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއާ ގުޅިގެންނެވެ.
މިއީ މިހާތަނަށް ރާއްޖެއަށް 1 މިލިއަން ފަތުރުވެރިން އަހަރު ތެރޭގައި އެންމެ އަވަހަށް ހަމަވި އަހަރުކަން ފާހަގަކޮށްލެވެއެވެ. މިކަން ފާހަގަކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމެންޓް އަލްފާޟިލް ތޯރިޤް އިބްރާހީމް ވަނީ ބައިވެރިވެ ވަޑައިގެން ފަތުރުވެރިޔާއަށް މަރުހަބާ ދަންނަވާފައެވެ.

ރާއްޖެއަށް ޒިޔާރަތް ކުރި މިލިއަން ވަނަ ފަތުރުވެރިޔާ ގަސް އިންދަނީ– ފޮޓޯ: އެމްއެމްޕީއާރުސީ
މިކާމިޔާބީ ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވެފައިވަނީ، މިލަނޑުދަޑިއަކީ ރާއްޖެވަންތަ ގޮތަކަށް ރާއްޖޭގެ ފަތުރުވެރިކަން ބޭރުދުނިޔެއަށް އިޝްތިހާރުކުރުމަށް ކުރަމުންދާ ގިނަގުނަ މަސައްކަތް ފުރިހަމައަށް ރަމްޒުކޮށްދޭ، ދިވެހިން ފަހުރުވެރިވާ ފަދަ ކާމިޔާބީއެއް ކަމަށެވެ. އަދި މިކާމިޔާބީ ހާސިލުކުރުމަށް މަގުފަހިކޮށްދީފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހީވާގި މަސައްކަތްތެރިންގެ ބުރަ މަސައްކަތުންކަން ފާހަގަކޮށް އެފަރާތްތަކަށް މިނިސްޓަރ ތޯރިޤުވަނީ ޝުކުރު ދަންނަވާފައެވެ.
ކާޖަލްއަށް ވަނީ ރައީސް، ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރު ދުނިޔޭގެ ތިމާވެށީގެ ދުވަހު ފައްޓަވައިދެއްވާފައިވާ ‘ފަސް މިލިއަން ގަސް’ ޕްރޮގްރާމްގައި ބައިވެރިވުމަށް ދައުވަތު ދީފައިއެވެ. އެގޮތުން، ކާޖަލް ވަނީ ހުޅުލޭގައި މި ޕްރޮގްރާމްގެ ދަށުން ގަހެއް އިންދާފައެވެ.
މި ހަމި ހަފްލާގައި އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ، އިބްރާހިމް ޝިއުރީ ވިދާޅުވީ، މި ކާމިޔާބަކީ މި އަހަރު 2.3 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރުމަށް ރައީސް މުޢިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާސިލްވެވޭނެ ކަމުގެ ހެއްކެއް ކަމަށެވެ.