ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން “ހިޔަލަ” ގްރޫޕްގެ އީދު ލަވައެއް ހުއްދަ ނުހޯދައި ބްރޯޑްކާސްޓްކުރުމާ ގުޅިގެން އެ ގްރޫޕުން ގާނޫނީ ފިޔަވަޅު އަޅަން ނިންމައިފިއެވެ.
ހިޔަލަ ގްރޫޕުން އީދަށް ހާއްސަކޮށް ނެރުނު ލަވައެއް ކަމަށްވާ “އީދު ބޯމަތިވަނީ” ޔޫޓިއުބްގައި ރިލީޒްކުރުމުން މިހާތަނަށް 85،000 އަށްވުރެ ގިނަ ވިއުސްވަނީ ލިބިފައެވެ. އަދި އެހެނިހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވެސް މި ލަވަ ވަނީ ޓްރެންޑްވެފައެވެ.
އިއްޔެ ޕީއެސްއެމްގެ ޓީވީ މޯލްޑިވްސް (ޓީވީއެމް) އިން ގެނެސްދިން އީދު ކަވަރޭޖްގައި މި ލަވަ ދައްކާފައިވާއިރު، ޓީވީއެމްއިން ބުނެފައިވަނީ އެ ލަވަ ދެއްކީ ލިބިފައިވާ ހަދިޔާއެއްގެ ގޮތުގައި ކަމަށެވެ.
ހިޔަލަ ގުރޫޕުން “ހުވަދޫ މީޑިއާ” އަށް މައުލޫމާތުދެމުން ބުނެފައިވަނީ އެއީ ތެދެއް ކަމަށާއި، ހުއްދަ ނުހޯދާ ބުރޯޑްކާސްޓު ކުރި ކަމަށެވެ. އަދި ހިޔަލަ ގްރޫޕުން އިތުރަށް ބުނެފައިވަނީ މި މައްސަލަ އެ ގްރޫޕުން ވަރަށް ސީރިއަސްކޮށް ނަގާނެ ކަމަށާއި، މިކަމުގައި ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ޕީއެސްއެމްއިން އަދި އެއްވެސް އެއްޗެއްވެސް އަދި ބަހެއްވެސް ބުނެފައެއް ނުވެއެވެ.