ރިސޯޓްތަކުގެ ކުލީގެ ގޮތުގައި މިދިޔަ އަހަރު %6.7 އިތުރުވެފައިވާކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާގެއަހަރީ ރިޕޯޓު ދައްކާގޮތުން ރިސޯޓްތަކުގެ ކުލީގެ ގޮތުގައި 1.8 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، 2024 ވަނަ އަހަރު ރިސޯޓްތަކުގެ ކުލީގެ ގޮތުގައި 1.7 ބިލިޔަން ރުފިޔާ ލިބޭނެކަށް ވަނީ އަންދާޒާކޮށްފައެވެ. އެހެންކަމުން، މިއީ އަންދާޒާކުރި އާމްދަނީއާއި އަޅާބަލާއިރު %7.4 އިތުރު އަދަދެކެވެ.
ފާހަގަކޮށްލެވޭގޮތުގައި، މިއީ 2023ވަނަ އަހަރުގެ އާމްދަނީ އަށްވުރެވެސް އިތުރު އަދަދެކެވެ. އެގޮތުން، 2023 ވަނަ އަހަރު ރިސޯޓްތަކުގެ ކުލީގެ ގޮތުގައި ލިބިފައިވަނީ 1.7 ބިލިޔަން ރުފިޔާއެވެ.
ރިސޯޓްކުލީގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު އަތޮޅުތައް:
* ކ. އަތޮޅު: 542.45 މިލިއަން ރުފިޔާގެ އާމްދަނީ
* ރ. އަތޮޅު: 260.47 މިލިއަން ރުފިޔާގެ އާމްދަނީ
* ބ. އަތޮޅު: 201.01 މިލިއަން ރުފިޔާގެ އާމްދަނީ
އަންދާޒާކުރި އާމްދަނީއަށްވުރެ ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބެއްކަމަށް މީރާއިން ބުނެފައިވަނީ އަލަށް ކުލި ދައްކާ ފަރާތްތަކުންނާއި ރިސޯޓްތަކުން ޝެޑިއުލާއި އެއްގޮތައް ކުލި ދައްކާފައިވުމެވެ. އަދި ކުލީގެ މުއްދަތުތަކަށް ފައިސާ ބަލައިގަތް އަދަދު އިތުރުވެފައިވާތީ ބަލައިގަތް އާމްދަނީ ވަނީ އަންދާޒާކުރި އަދަދަށްވުރެ އިތުރުވެފައިކަމަށްވެސް މީރާގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.