އެމް.ޑަބްލިޔު.އެސް.ސީ އިން ގދ .ވާދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި ކޮމިޝަން ކޮށްފިއެވެ. މި މަޝްރޫޢުގެ ކޮމިޝަނިންގ މަސައްކަތް ކުރިއަށް ގެންދިޔައީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ފެނަކަ އަދި އެމް.ޑަބްލިޔު.އެސް.ސީގެ އިސް ބޭފުޅުން ރަށަށް ވަޑައިގެންނެވެ.
މި މަޝްރޫޢުގެ ދަށުން ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގައި، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރި ފެސިލިޓީ ބިލްޑިންގ ޤާއިމްކޮށް، ފެނުގެ މައި ނެޓްވޯކް އެޅުމާއި، ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. އަދި ފެން އުފެއްދުމަށްޓަކައި ފެން ޕްލާންޓް ބަހައްޓައި، ބޯހޯލް ތޮރުފައި، ރިޖެކްޓް ލައިން އަޅައި އަދި ފެން ރައްކާކުރުމަށް ފެން ތާންގީވެސް ވަނީ ބަހައްޓާފައެވެ.

ފޮޓޯ: އެމްޑަބްލިޔުއެސްސީ
ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ތެރޭގައި، ނަރުދަމާގެ މައި ނެޓްވޯކާއި ޕަމްޕިންގ ލައިން އެޅުމާއި، ޕަންޕިންގ ސްޓޭޝަން ޤާއިމްކުރުމާއި، ސީ އައުޓްފޯލް އެޅުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ.
މި މަޝްރޫޢުގެ ދަށުން ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ފޯރުކޮށްދެވޭނެއެވެ. 60.99 މިލިއަން ރުފިޔާގެ މި މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢުއެކެވެ.
މި މަޝްރޫޢު ނިމުމާއެކު ގދ.ވާދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއްގެ ޚިދުމަތް ލިބިގެންދާނެއެވެ.

