ބޮލީވުޑް ކިންގް ޝާހްރުކް ޚާންގެ އާ ފިލްމު “ކިންގް” ގައި މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ އެޑް ޝީރަންގެ ލަވައެއް ހިމެނޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިފަދަ ވާހަކަ ދެކެވެން ފެށީ ދާދި ފަހުން ނެރުނު ވީޑިއޯއަކުން އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރިޖިތު ސިންގްއާ އެކު އެޑް ޝީރަން ލަވައެއް ކިޔާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކުރުމާ ގުޅިގެންނެވެ. ހަމައެއާއެކު، އެޑް ޝީރަން އާއި އެކު ޝާހްރުކް ފެންނަ ވީޑިއޯ އެއްވެސް ދައުރުވެފައިވާއިރު، އެހެންކަމުން، ބޮލީވުޑްގެ ފިލްމަކަށް ޝީރަން ލަވައެއް ކިޔަން އުޅޭ ކަމަށާއި މިއީ ޝާހްރުކްގެ “ކިންގް” ގެ ލަވައެއް ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
އަންގާރަ ދުވަހު އެޑް ވަނީ އޭނާގެ އެންމެ ފަހުގެ ލަވަ “ސެފަޔަރ” އުފެއްދުމުގެ ބީޓީއެސް ވީޑިއޯއެއް ޕޯސްޓްކޮށްފައެވެ. މި ވީޑިއޯއިން އޭނާ އިންޑިއާގެ ބަހުރުވައެއް ކަމުގައިވާ ޕަންޖާބީ ބަހުން ވެސް ބައެއް ލައިންތައް ރެކޯޑް ކުރާތަން ފެނިގެންދާއިރު، ހިންދީ ބަހުން ލަވަކިޔުމާ ބެހޭ ގޮތުން ވެސް އޭނާ ވަނީ ވާހަކަ ދައްކާފައެވެ.
އެޑް ޝީރަން އަކީ އިންޑިއާގެ ފަންނާނުންނާ ވަރަށް ގާތް ގުޅުމެއް އޮންނަ ފަންނާނެއް ކަން ފާހަގަކޮށްލެވެއެވެ.
އަންނަ އަހަރުގެ އޮކްޓޯބަރ މަހު ސިނަމާތަަކަށް ނެރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ކާސްޓްގައި ޝާހްރުކްގެ ދަރިފުޅު ސުހާނާ ޚާނާއި ދީޕިކާ ޕަދްކޯނާއި އަނިލް ކަޕޫރާއި ރާނީ މުކަރްޖީގެ އިތުރުން އަބީޝެކް ބައްޗަނާއި ޖެކީ ޝްރޮފް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

