ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ޑައިރެކްޓަރު އަދި ކެމެރާމަން އިބްރާހީމް ވިސާން (ކަނޑި) ގެ އާ ސީރީޒް “ބަރުދާސްތު” ގެ ފަސްޓްލުކް ޕޯސްޓަރު މިއަދު ވަނީ އާންމުކޮށްފައެވެ. ފުރަތަމަ ޕޯސްޓަރަށް ވަނީ ހޫނުތަރުހީބެއް ލިބިފައެވެ. މީޑިއާނެޓަށް ހާއްސަކޮށް ތައްޔާރުކުރާ މި ސީރީޒްގެ މައި ދައުރުގައި ފެނިގެންދާނީ ދިގު މެދުކެނޑުމަކަށްފަހު ފިލްމީ މަސައްކަތްތަކަށް އެނބުރި އައިސްފައިވާ މަޝްހޫރު ބަތަލާ އާމިނަތު ނޫރާއެވެ.
2000 ގެ ކުރީކޮޅު “ޖާދޫގައި ޖެހޭނޭ” ވީޑިއޯ ލަވައިން ފިލްމީ ދާއިރާއަށް ތަޢާރަފުވެ، ގިނަބައެއް އެ ނަލަކަމުގެ ޖާދޫގައި ޖެހުނު ނޫރާގެ ދެވަނަ ވީޑިއޯލަވަ، ވިސްނާވިސްނާ ވަނީ ބައިނަލްއަގުވާމީ ޗެނަަލްއަކުންވެސް ދައްކާފައެވެ. އަދި ރާއްޖޭގެ ފުރަތަމަ ލަވައެއް އެމްޓީވީ އިން ދެއްކި ކަމުގެ ފަހުރު ހޯދި ވިސްނާވިސްނާ ގައި ނޫރާގެ އެކްޓިންގެ ސަބަބުން ގިނަބައެއްގެ ލޯތްބާއި މަގުބޫލުކަން ލިބިގެންދިޔައެވެ.
“ބަރުދާސްތު” މި ސީރީޒަކީ މީޑިއާނެޓާއި އެއްކާފު ޕްރޮޑަކްޝަން ގުޅިގެން އުފައްދާ މަސައްކަތެކެވެ. “ބަރުދާސްތު” ގެ ސްކްރީންޕްލޭ ލިޔެފައިވަނީ، މި އަހަރުގެ ކުރީކޮޅު މީޑިއާނެޓުން ގެނެސްދިން “ހިންތާ” އާއި މަގުބޫލު “ގަރީނާ” ސީރީޒް ލިޔުނު އަހުމަދު ޒަރީރެވެ. ޒަރީރުގެ ސްކްރީންޕްލޭއަކަށް ކުރިން ވެސް މަސައްކަތްކޮށްފައިވާ ކަނޑިއަކީ 2021 ވަނަ އަހަރު ރިލީޒްކުރި “މަރްޔަމް” ފިލްމުގެ ޑައިރެކްޓަރެވެ.
ވީޑިއޯ ކްލަބް އެމްވީއިން އިންސްޓާގްރާމްގައި އާންމުކުރި ޕޯސްޓަރުން ދޭހަވާ ގޮތުގައި މި ސީރީޒްއަކީ އަންހެނަކަށް ލިބޭ އަނިޔާތަކުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ސްކްރިޕްޓެކެވެ. ޕޯސްޓަރުން ފާހަގަވާ ގޮތުގައި ނޫރާގެ ތަފާތު އެކްޓިންއެއް މި ސީރީޒްގައި ފެނިގެންދާނެއެވެ. ނޫރާ ވަނީ ކަނޑީގެ އެންމެ ފަހުގެ މަސައްކަތްކަމަށްވާ “ރޮބޯމޭން: ދަ މޫވީ” ގައި ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ.
“ބަރުދާސްތު” މީޑިއާނެޓަށް ވަރަށް އަވަހަށް ގެނައުމަށް ނިންމާފައިވީ ނަމަވެސް، ސީރީޒް ރިލީޒްކުރާނެ ވަކި ތާރީހެއް އަދި މިހާތަނަށް އިއުލާނެއް ނުކުރެއެވެ.