ހަންގޭރީގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ އަދިބޯންމަތްގެ ލެފްޓް ބެކް މިލޯސް ކާކޭޒް 40 މިލިއަން ޕައުންޑަށް ލިވަޕޫލްއަށް ސޮއިކޮށްފިއެވެ.
އުމުރުން 21 އަހަރުގެ ކާކޭޒް ލިވަޕޫލްއާއެކު ސޮއިކޮށްފައިވަނީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގައެވެ.
ކާކެޒްއަކީ މި ޓްރާންސްފާ ވިންޑޯގައި ލިވަޕޫލަށް ސޮއިކުރި ތިންވަނަ މުހިންމު ކުޅުންތެރިޔާއެވެ. މީގެ ކުރިން އެޓޭކިން މިޑްފީލްޑަރު ފްލޯރިއަން ވާޓްޒް އާއި ރައިޓް ބެކް ޖެރެމީ ފްރިމްޕޮންގް ވަނީ ލިވަޕޫލަށް ގެނެސްފައެވެ.
މިއާއެކު، ލިވަޕޫލް މި ސީޒަންގައި ކުޅުންތެރިން ގަތުމަށް ހޭދަކުރި އަދަދު މިހާރު ވަނީ ގާތްގަނޑަކަށް 170 މިލިއަން ޕައުންޑަށް އަރާފައެވެ.
ދުނިޔޭގެ އެންމެ ބޮޑެތި ކްލަބްތަކުގެ ތެރޭގައި ހިމެނޭ ލިވަޕޫލްއަށް ކުޅުމުގެ ފުރުސަތު ލިބުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއްކަމަށާއި އެކަމާއި ވަރަށް ބޮޑަށް އުފާވާ ކަމަށް ކާކެޒް ވަނީ ބުނެފައެވެ.
ކާކެޒް ވަނީ ބޯންމަތުއަށް ޕްރިމިއާ ލީގުގައި އެ ކްލަބުގެ ރެކޯޑު 56 ޕޮއިންޓް ހޯދުމުގައި މުގުރާލުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

