މިއަދުގެ ދުނިޔޭގައި ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރަމުން، ތަރައްގީގެ ބާރު ދުވެލީގައި ތަފާތު އައު އީޖާދުތަކާއި ހިތްހަމަޖައްސާފަދަ ގިނަ ކަންކަން އާންމުވަމުންދާއިރު ރާއްޖެވެސް އޮތީ މިހާރު ސޯޝަލްމީޑިއާގެ އެކި މަންސަތަކުގައި ވަރަށް ކުރިއަރާފައެވެ. އެހެންކަމުން، އިންޓަނެޓާއި ސޯޝަލް މީޑިއާގެ ބޭނުން ކުރުމަކީ ދިރިއުޅުމުގެ މުހިންމު ބައެއްގެ ކަމަށް ވަނީ ވެފައެވެ. ނަމަވެސް، މިކަމުގެ ސަބަބުން އާއިލީ ގުޅުންތަކަށް ލިބެމުންދާ ހީނަރުކަމަކީ ކަންބޮޑުވާންޖެހޭ މައްސަލައެކެވެ.
މިހާރުގެ ގިނަ ގޭގޭގައި ފޯނާއި އިންޓަނެޓުގެ ދުނިޔޭގައި މައިންބަފައިންނާއި ދަރިންގެ ގުޅުން ވަނީ ދުރުވެފައެވެ. މަންމައިން ޓިކްޓޮކް ލައިވްގައާއި އެހެނިހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މަޝްޣޫލުވެ، ދަރިންނަށް ދޭންޖެހޭ ސަމާލުކަން ނުދެވޭ މަންޒަރުތައް ފެންނަލެއް މަދެއްނޫނެވެ ކިތަންމެ ވިސްނައިގެން އުޅުނަސް ގަސްތުގައި ނޫނަސް މިއީ ކަން އޮތް ގޮތެވެ ބައްޕައިންވެސް މަސައްކަތުގެ ބުރަކަމުގެ އިތުރުން، ހުސްވަގުތުތައް ސޯޝަލް މީޑިއާގައި ހޭދަކުރުމުގެ ސަބަބުން ދަރިންނާ ހޭދަކުރާ ވަގުތު މަދުވެފައިވެއެވެ.
ދަރިންނަށް ކުރާ ނޭދެވޭ އަސަރު
ބެލެނިވެރިންނާއި ދަރިންގެ ދެމެދަށް އަންނަން ފަށާފައިވާ މި ދުރުކަމުގެ ސަބަބުން އޭގެއިން ނުކުންނަ ނަތީޖާ ފެންނާނީ ވަގުތުން މިހާރަކު ނޫނެވެ. ޚާއްޞަކޮށް ޅަފުރައިގެ ކުދިން ނުރަނގަޅު ރަހުމަތްތެރިންގެ އަސަރުގެ ދަށަށް ގޮސް، ނޭދެވޭ އާދަތަކަށް ހުށަހެޅެމުންދިއުން މިހާރު ވަނީ އާންމުވެފަައެވެ. 14-15 އަހަރުގެ ކުދިން މަގުމައްޗަށް ނުކުމެ، ސިނގިރެޓާއި މަސްތުވާތަކެތީގެ ވަބާއަށް ހުށަހެޅެމުންދާއިރު، ފިރިހެން ކުދިން ގޭންގު ހަރަކާތްތަކާ ގުޅުމަކީ މިހާރު އެންމެ ގިނައިން އިވޭ އެއްވާހަކައެވެ.
ދަރިންނަކީ ހަމައެކަނި ކާންދީ ބޯންދީ، އުނު އޮރިޔާން ނިވާކޮށް، ބޯހިޔާވަހިކަންދީ ބޭސްފަރުވާ ކޮށްދީ، އެހެނިހެންވެސް ބޭނުންވާ ސާމާނު ހޯދައިދީ ހިތްހަމަޖައްސައިދީގެން ތަރުބިއްޔަތު ކުރެވޭނެ ބައެއްނޫނެވެ. މިހާރު ދަރިންނާއި މައިންބަފައިންގެ ގުޅުން އޮތީ މިދެންނެވި ހިސާބުގައެވެ. ގިނަ އާއިލާތަކުގައި ބޮޑެތިވަަމުންދާ ދަރިންނާ މައިންބަފައިން ވާހަކަދެއްކުން ވެސް އޮންނަނީ ރަސްމީ ވެފައެވެ. ހަމައެކަނި މަޖުބޫރު ކަންކަމުގައި ދެބަަސް ބުނެލުމުން އެކަން އެ ނިމުނީއެވެ. އެއްބަނޑު އެއްބަފާ އަޚުންނާއި އުޚުތުންގެ ުގުޅުން ވެސް ސޯޝަލްމީޑީޔާގެ ފޯރިތެރޭގައި ވަޅުޖެހެނީއެވެ، ރަޙިމުގެ ގުޅުމުގެ އެއްވެސް މާނައެއް ނޭނގެނީ ކަހަަލައެވެ.

މައިންބަފައިންގެ އިހުމާލުގެ ސަބަބުން ދަރިންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަމުންދެއެވެ
އާއިލީ ގުޅުންތަކަށް ކުރާ އަސަރު ސޯޝަލް މީޑިއާގެ ނުރަނގަޅު ބޭނުންކުރުމުގެ ސަބަބުން އާއިލީ ގުޅުންތައް ހީނަރުވެ، ކައިވެނީގެ ގުޅުންތައް ވެސް ދަނީ ފެއިލްވަމުންނެވެ. ކައިވެނިކުރުމުގެ ކުރިން 24 ގަޑިއިރު ގުޅިފައި ތިބޭ ދެމަފިރިން، ކައިވެނިކުރުމަށްފަހު އެކަކު އަނެކަކާ ވާހަކަދެއްކުމަށްވުރެ ބޮޑަށް ސޯޝަލް މީޑިއާގައި އެހެން މީހުންނާ މުޢާމަލާތްކުރުމަށް އިސްކަންދެއެވެ. އަދި ޓިކްޓޮކް ލަައިވްތަކުން ފެންނަނީ މާބޮޑަށްވެސް ލަދުގަންނަވަރުގެ މަންޒަރުތަކެވެ. އިވޭ އަޑުތައް އަހަން ފަސޭހަ ނޫނެވެ. ގުޅުންތައް ފެއިލިވަނީ މުޅި ދުނިޔޭގެ ކުރިމަތީގައެވެ. މިފަދަ ހާލަތެއްގައި އެ ލައިވްތަކުގައި ފޭރާންވީދި ކުޑިވާ މީހުންގެ ދަރިންނަށް ހަމަ އަސަރެއް ނުކުރާނެ ބާވަައެވެ. އެލައިވްތަކަށް ކޮމެންޓް ކޮށް ރިއެކްޓް ކުރާ މީހުން އެކުދިންނަށް ބަހުން ތީރު ނުއުކާ ތިބޭނެހެއްޔެވެ.
ހައްލު ހޯދުމުގެ މުހިންމުކަން
މިކަމަށް ހައްލެއް ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. މައިންބަފައިން ދަރިންނަށް ވަގުތު ދީ، އެކުދިންނާ ވާހަކަދައްކައި، އެކުދިންގެ ޝުޢޫރުތަކަށް ސަމާލުވާން ޖެހެއެވެ. ހަމައެކަނި އަސާސީ ބޭނުންތައް ފުއްދައިދިނުމަކުން ނުފުދެއެވެ. ދަރިންނަށް ލޯބިވާކަން އިހުސާސްކުރެވޭ ގޮތަށް އެކުދިންނާއެކު ވަގުތު ހޭދަކުރަން ޖެހެއެވެ. ފިރިންނާއި އަނބިންގެ ގުޅުން ރަސްމީއަށްވުރެ މަންމައަކާއި ބައެއްޕައެއްގެ ގޮތަށް ބަދަލުވާން ޖެހެއެވެ.
އިންޓަނެޓާއި ސޯޝަލް މީޑިއާގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ސަމާލުވާން ޖެހެއެވެ. މިއީ ދިރިއުޅުން ފަސޭހަކޮށްދޭ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރަން ޖެހޭ އެއްޗެކެވެ. އާއިލީ ގުޅުންތަކަށް އިސްކަންދީ، ދަރިންނަށް ބޭނުންވާ ލޯބިވެރި މާހައުލެއް ގޭތެރޭގައި ގާއިމުކުރުމަށް މަސައްކަތްކުރަން ޖެހެއެވެ. އެހެންނޫންނަމަ، މާ ލަސްވުމުގެ ކުރިން މިކަމަށް ސަމާލުވެ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.