އެއާ އިންޑިއާގެ މަތިންދާބޯޓަކަށް އަނެއްކާވެސް މައްސަލައެއް ޖެހި އިމަޖެންސީގައި މުމްބާއީ އެއަަރޕޯޓަށް ޖައްސައިފިއެވެ.
މުމްބާއީ އެއަރޕޯޓުން މި ފްލައިޓް ނައްޓާލާފައި ވަނީ ހުކުރު ދުވަހުގެ ރޭ އިންޑިއާ ގަޑިން ރޭގަނޑު 11.50 ގައެވެ.
ބޯޓު ނައްޓާލިތާ ގާތްގަނޑަކަށް 45 މިނެޓެއްހާއިރު ފަހުން، ޓެލްނިކަލް މައްސަލައެއް ދިމާވެގެން އަނބުރާ މުމްބާއީ އެއަރޕޯޓަށް ޖައްސާފައިވަނީ 12:47 ގައެވެ.
އެއާ އިންޑިއާއިން މިހާދިސާއާއި ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި ފްލައިޓް އަނބުރާ ޖައްސާ މީހުން ބަދަލު ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި ގްރައުންޑް ސްޓާފުންގެ އެހީތެރިކަމާއި އެކުގައި ފްލައިޓް އަނބުރާ ޖެއްސީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފަހުގައި ކަަމަށެވެ.
މި މަހުގެ 12 ވަނަ ދުވަހު އެއާ އިންޑިއާ ފްލައިޓް 171 އިންޑިއާގެ އަހުމަދުއާބާދުން ފުރައިގެން ލަންޑަނަށް ދިއުމަށް ދަތުރު ފެށިތާ ދެ މިނެޓު ތެރޭގައި މީހުން ދިރިއުޅޭ ހިސާބަކަށް ވެއްޓި، ބޯޓުގައި ތިބި 242 މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެން ވަނީ މަރުވެފައެވެ.

