މި އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަލަށް އިމާރާތްކޮށްފައިވާ 13 މިސްކިތެއް ހުޅުވުމަށް ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިރޭ ހާމަކޮށްފިއެވެ.
އެ ވުޒާރާއިން ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، މިއަދު ނ. މަނަދޫ މިސްކިތް ހުޅުވުމަށްފަހު، އަންނަ މަހުގެ 15 ވަނަ ދުވަހު ހއ. ދިއްދޫ އިސްލާމިކް ސެންޓަރު ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު ޅ. ކުރެންދޫ މިސްކިތް ހުޅުވުމަށްވެސް ވަނީ ނިންމާފައެވެ.
މީގެއިތުރުން، އއ. ހިމަންދޫ މިސްކިތް ނޮވެމްބަރު 5 ގައި ހުޅުވުމަށް ހަމަޖެހިފައިވާއިރު، އދ. ދިގުރަށު މިސްކިތް އަންނަ މަހުގެ 30 ވަނަ ދުވަހު ހުޅުވުމަށް ވަނީ ނިންމާފައެވެ. ލ. ގަން ތުނޑީ މިސްކިތް ސެޕްޓެމްބަރު 15 ގައި ހުޅުވުމަށް ހަމަޖެހިފައިވާއިރު، އައްޑޫ ސިޓީގެ މަރަދޫ މިސްކިތް އޮގަސްޓް 15 ގައި އަދި މީދޫ މިސްކިތް ނޮވެމްބަރު 30 ގައި ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.
އަދި ތ. ކަނޑޫދޫ މިސްކިތް ޑިސެމްބަރު 31 ގައި ހުޅުވުމަށް ހަމަޖެހިފައިވާއިރު، ތ. ދިޔަމިގިލި މިސްކިތް ޖުލައި 30 ގައި ހުޅުވުމަށް ވަނީ ނިންމާފައެވެ. ފުވައްމުލަކު ދޫޑިގަން މިސްކިތް ސެޕްޓެމްބަރު 3 ގައި ހުޅުވުމަށް ހަމަޖެހިފައިވާއިރު، އެ ސިޓީގެ ޤުރުއާނާ ބެހޭ މަރުކަޒު އޮގަސްޓް 1 ގައި ހުޅުވުމަށް ވަނީ ނިންމާފައެވެ. އަދި ތ. ވަންދޫ މިސްކިތް ޑިސެމްބަރު 31 ގައި ހުޅުވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި، މާލެ ސަރަހައްދުގައިވެސް މިހާރު ތަރައްޤީކުރަމުންދާ މިސްކިތްތައް ވީހާވެސް އަވަހަކަށް ހުޅުވުމަށްޓަކައި އެ ވުޒާރާއިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.