ދިވެހިރާއްޖެއަށް މިދިޔަ ޖޫން މަހު 141،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު ރާއްޖެއަށް 141،772 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ އޭޕްރީލް މަހު ރާއްޖެ ޒިޔާރަތްކުރި 123،284 ފަތުރުވެރިންނަށްވުރެ 15 ޕަސެންޓް އިތުރު އަދަދެކެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މި ފަތުރުވެރިންގެ ތެރެއިން 801،764 ފަތުރުވެރިން 72.4 ޕަސެންޓް ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގައެވެ.
މިދިޔަ އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 1.1 މިލިޔަން ވުމާއެކު މިއަދަދާއި އަޅާ ބަލާއިރު މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 9.6 އިންސައްތައިގެ އިތުރުވުމެކެވެ.
މި އަހަރު ނިމުނުގެ ކުރިން ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަކީ ސަރުކާރުން ހިފާފައިވާ އަމާޒެވެ. މި އަމާޒަށް ވާސިލުވުމަށް ދެން ބޭނުންވާނީ އަށް ލައްކަ ފަތުރުވެރިންނެވެ.

