ިރީތި އަޑެއް އިވޭނަމަ ކޮންމެ މީހެއްގެވެސް ސަމާލުކަން ދަމައިގަނެއެވެ. އެެއީ ފިތުރީ ކަމެކެވެ. ރީތި، އަސަރުކުރުވަނިވި އަޑަކުން ވާހަކައެއް ދައްކާނަމަ އެވާހަކައެއް ވަރަށް ފަސޭހައިން ކަންފަތުން ވަަދެގެން ސިކުނޑިއާ ހަމައަށް ފޯރާނެއެވެ. މިކަމުގެ ހެއްކަކީ މީގެ ދުވަސްކޮޅެއް ކުރިން މޯލްޑިވްސް 2.0 ރަސްމިއްޔާތެވެ. އެ ރަސްމިއްޔާތުގެ ވާހަކަ އެންމެ ގިނައިން ސޯޝަލް މީޑިއާގައި ފެތުރުނީ ހަމައެކަނި އެރަސްމިއްޔާތުގެ ސަބަބުން ނޫނެވެ. ރަސްމިއްޔާތުގެ ވާހަކަ ދެއްކި މީހުންނަށްވުރެ ގަދައަޑުން ވައިގައި ހިފީ ރަަސްމިއްޔާތު ހުށަހަޅައްދެއްވި ފަރާތުގެ އަޑެވެ. މޫނުފޮތުގެ އެކި ޕޭޖުތަކުން ފެންނަން ފެށީ “އެޖާދުވީ ރީތި އަޑުގެ ސިއްރު މިއޮތީ،” :އެ ސިހުރުވެރި ނަލަ ރާގެއް ކަހަލަ އަޑުގެ ވެރިޔާ އެނގިއްޖެ، މިހިރީ، އަޑާ އެއްވަރަށް އެހާ ޗާލު،” މިކަހަލަ ބަސްތަކަކުން ތައާރަފްދީފައިވާ ވީޑިއޯއެކެވެ. އެވީޑިއޯ އިން ފެނިގެންދާ މޫނުގެ ޝާއްބަކަމަށްވުރެ ބޮޑަށް އިވިގެންދާ އަޑުގެ ޖާދޫގައި ޖެހުނު މީހުން ގިނައެވެ.
ތެދެކެވެ. އެއަޑު ހަމަ ވަރަށް ފުރިހަމަ އެވެ. މާޝާﷲ، ދިވެހި އަދި އިނގިރޭސިން ދެއްކި ވާހަކަތައް ވެސް ހަމަ އެހާމެ ފުރިހަމަ އެވެ. ފާޑުކިޔާނެ ތަނެއް ނެތެވެ. މިވެނި ކަމެއް މިހެން ހުރިނަމަ އެވެނިކަމެއް ނެތްނަމަ އޭ ބުނާނެ އެއްވެސް ކަމެއް ނެތެވެ.
މިހާރު މިދައްކަން އުޅެނީ ކާކުގެ ވާހަކަކަން ބައެއް ފަރާތަތަކަށް އެނގިދާނެކަން ނޭނގެއެވެ. ރާއްޖެ، އަމުދުން މާލެއަކީ ވަރަށް ކުޑަތަނެއްތާއެވެ. މިތަނުގައި ރައީސް ވަޑިގެންނެވި ޖަލްސާ ހުށަހަޅައިދިނީ ކާކުކަން ނޭނގުމަކީ ވާނެ ކަމެއް ނޫންކަން ގައިމެވެ.

މަރިޔަމް އަނާ ނަސީމު، އެއަޑެއްގެ ޖާދޫގައި ދިވެހިން ޖެހުނު ނަޔާ އަޑުގެ ވެރިޔާ— ފޮޓޯ: އަނާ
ތިނަދޫސިޓީއަށް އުފަން، މުހައްމަދު ނަސީމާއި އަޒްރާ ތައުފީގުގެ ދަރިފުޅު މަރިޔަމް އަނާ ނަސީމަކީ ޓިކްޓޮކްގައި ވިދަމުން އަންނަ އަލިގަަދަ ތަރިއެކެވެ. އަނާގެ ޕްރޮފެޝަނަލް ދިރިއުޅުން ފެށިގެން އައީ ހޮސްޕިޓަލިޓީ ދާއިރާއިންނެވެ. ރިސޯޓު ދާއިރާއަކީ އަނާގެ މިހާރުގެ ކާމިޔާބީގެ އަސްލު ފެށުމެވެ. އަށެއްކަ އަހަރު ރިސޯޓް ދާއިރާގައި އުޅުމަށްފަހު އަނާ މިހާރު މަސައްކަތް ކުރަމުން ދަނީ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މާކެޓިންގ އެގްޒެކެޓިވެއްގެ ގޮތުގައެވެ.
އަނާއާ ބައްދަލުކޮށްލީ ނަލަނަލަ ހަވީރެއްގައި އެހާމެ ރިވެތި ފެހިކަން ގަދަ ޗާލު ބަގީޗާއަކުންނެވެ. ހުޅުމާލެ ފޭސް1 ގައިހުންނަ އެޝުއަރގާރޑެންގެ ފެހިކަން ގަދަ ބަގީޗާގެ ގަސްތަކުގެ ތެރެއިން އަނާއާ ބައްދަލުކޮށްލީ އަނާގެ ފޭނުންނަށް އަނާއާ ބެހޭ ގޮތުން ކޮންމެވެސް މައުލޫމާތުކޮޅެއް ގެނެސްދިނުމުގެ އުއްމީދުގައެވެ. ތިބޭފުޅުންވެސް އެޝުއާރގާޑެން އަށް ޒިޔާރަތްކޮށްލައްވަބައްލަވާށެވެ. އެއީ ހަމަ އެއްވަނައިގެ ޗާލު އަދި ތާޒާ ބަގީޗާއެއްގެ ތެރޭގައި ހުރި “ކެފޭ”އެކެވެ.
ކޮންމެއަކަސް އަނާއާ ބައްދަލުވެ ވާހަކަ ދައްކާލުމުން އެނގުނީ، ހިތްގައިމުވެފައި ރީތީ ހަމައެކަނި އޭނާގެ އަޑާއި ސިފަ ނޫންކަމެވެ. މިޒާޖާއި މުއާމަލާތް ކުރުމުގައި ވެސް މިސާލެއްނެތް ފަދައެވެ. ހިނިތުންވުމާއެކު ކޮންމެ ސުވާލަކަށްވެސް ޖަވާބު ދިނީ ދެފުށް ފެންނަ ގޮތަށް ސާފުސީދާ އިބާރާތުންނެވެ.
އަނާގެ 2.0 ޖަލްސާގެ ހޯސްޓްކުރުމަށް ވަރަށް ގިނަ މީހުންގެ ތައުރީފު ލިބުނެވެ. އެހާ ފުރިހަމައަށް އެ ޖަލްސާ ހުށަހަޅައިދީފައިވާތީ، އެއީ ކިތައް ދުވަހުގެ މަސައްކަތެއްތޯ؟
“އަސްލު މަސައްކަތް ކުރަނީ މާކެޓިންޓީމުގައި، އެމްސީކަން ކުރުމަކީ މެއިން ރޯލު، އެހެން ހުރިހާ ކަމެއް ކުރަމުން ސްކްރިޕްޓާ ހަމައަށް ދެވުނު އިރު ހުރީ އެންމެ ދުވަހަކަށް ވެފައި، އެރޭ ފައިނަލް ރިހާސަލް ގައި އިނގިރޭސިސްކްރިޕްޓް ކިޔާފައި ގެއަށް ގޮސް މަންމައާއެކުގައި އިނދެގެން ދިވެހި ސްކްރިޕްޓް ލިޔުނީ، ދެން އަނެއްދުވަހު ހަވީރު އޮތް އިތުރު ރިހާސަލެއް، ވަރަށް ލާސްޓް މިނެޓްގެ ޕްރިޕަރޭޝަނެއް، އެހެންވީމަ ވަރަށް އުފާވި އެހާ ޕޮޒިޓީވް ކޮމެންޓުތައް ލިބުނީމަ،”
ޙަޤީޤަތުގައިވެސް އެހާ މަދު ވަގުތުކޮޅެއްގެ ތައްޔާރީއަކަށްފަހު ގެނެސްދިން އެ ޖަލްސާ ވަރަށް ފުރިހަމައެވެ.

މަރިޔަމް އަނާ ނަސީމު، އެއަޑެއްގެ ޖާދޫގައި ދިވެހިން ޖެހުނު ނަޔާ އަޑުގެ ވެރިޔާ— ފޮޓޯ: އަނާ
އަނާއަކީ ޓިކްޓޮކް އިން މިހާރު ކުރިއަރަމުންދާ ފަރާތެކެވެ. ކޮވިޑް-19 ގެ ދަތި ދުވަސްތައް ބޭކާރުކޮށްނުލައި އަނާ ފެށީ ޓިކްޓޮކް ކޮންޓެންޓް ތައްޔާރުކުރާާށެވެ. އަދި ޓިކްޓޮކް މަސައްކަތްތަކަކީ އޭނާގެ ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނެސްދިން ކަމަކަށްވެސް ވިއެވެ. ފުރަތަމަ ސީނިކް ވީޑިއޯތައް ނޫނީ ލިޕް ސިންކިން ވީޑިއޯ ތަކުން ފަށައިގަތް އޭނާގެ ކޮންޓެންޓް ކްރިއޭޓް ކުރުމުގެ މަސައްކަތް، މަޑުމަޑުން އާމްދަނީ ހޯދުމުގެ މަގަކަށް ވެގެންދިޔައެވެ. އަނާގެ ހުށަހެޅުންތަކުން ފެންނަ އޭނާގެ ޝަޚްޞިއްޔަތާއ ރީތި އަޑުގެ ސަބަބުން ބްރޭންޑްތަކުން އިޝްތިހާރުތަކާއި ޕްރޮމޯޝަންތަކުން ފުރުސަތު ލިބެން ފެށިއެވެ، ހޯދަމުންދާ ކާމިޔާބީތަކާއެކު، އަނާ އަށް ވަނީ މޮޑެލިންގ ފުރުސަތުތައްވެސް ހުޅުވިގެން ގޮސްފައެވެ. އަދި ބައެއް އިޝްތިހާރުތަކުގެ ކޮންސެޕްޓް އުފެއްދުމާއި އަޑު އެޅުމުގެ މަސައްކަތްވެސް އަނާ ދަނީ ކުރަމުންނެވެ.
ޓިކްޓޮކް އިން ލިބޭ ނުރަނގަޅު ކޮމެންޓް ތަކާއި ފާޑުކިޔުންްތަކާ ޑީލް ކުރަނީ ކިހިނެއް؟
ފާޑުކިޔުމެއް ނުހުއްޓުވޭނެ، ބޮޑަށް ބަލަނީ އިގްނޯރ ކުރެވޭތޯ، ރައްދުދީގެން ވާނެ ފައިދާއެއް ވެސް ނޯންނާނެތީ، އެކަމަކު ބައެއް ދުވަސްތައް އާދޭ ހަމަ އިގްނޯ ނުކުރެވޭ އެއްޗެއް ބުނަން ބޭނުންވާ، އެކަމަކު ހަމަ އެއްޗެއް ނުބުނަން،”
އަނާގެ ނަޒަރުގައި ޓިކްޓޮކްގެކޮންޓެންޓް ކްރިއޭޓަރ އެއްނަމަ ފީޑްބެކް ބޭނުންވާނެއެވެ. އެކަމަކު ފީޑްބެކާއެކު ފާޑުކިޔުންތައްވެސް އަންނާނެއެވެ. ވަކިވަކިން ފިލްޓަރ ކުރުން ފަސޭހަ ނޫން ކަމަކަށް ވާތީ ދެން އޮންނާނެ ގޮތަކީ ޑިލީޓް ކޮށްލުން ކަމަށް އަނާ ބުންޏެވެ. ސޯޝަލް މީޑިއާގައި އުފެދޭ ނޭދެވޭ ޒުވާބުތައް ގިނަވަމުންދަނީ އަނާ ދެކޭ ގޮތުގައި އެކަމަށް ބަޔަކު ހިތްވަރުދޭތީއެވެ. މިފަދަ ކަންތައް ކުރަނީ ވިއުސްއާއި އެންގޭޖްމަންޓް ހޯދުމަށްޓަކައި ކަމަށްވާތީ އެކަންތައް ދުވަހަކަށްވުރެ ދުވަހަކަށް ގިނަވަނީ ބަލާ މީހުންނާއި ރިއެކްޓް ކުރާމީހުންގެ ސަބަބުންނެވެ.

ހުޅުމާލެ ފޭސް1، އެޝުއަރ ގާރޑެން ތެރޭގެ ހިތްގައިމު ފެހިބަގީޗާ ތެރޭ، އަނާއާއެކު “ހުވަދޫމީޑިއާ”ގެ އ.އެޑިޓަރ މަރްޔަމް ޝަފާ ، ރީތިހަވީރެއްގެ އުފާވެރި ވަގުތުކޮޅެއް —ފޮޓޯ: އަޚްތަރު -ހުވަދޫމީޑިއާ
ދުވަހަކުވެސް ހިތުގަ ޖެހޭ ކަހަލަ ކޮމެންޓެއް ލިބުނުތޯ؟
“ހިތުގަ ޖެހޭ ކަހަލަ އެއްނޫން، ވަރަށް ރުޅި އަންނަ ކަހަލަ ކޮމެންޓެއް، ޓުުވިޓާއިން މީހަކު ބުނެފައި އޮތީ އުމުރުން ދެބައިވީއިރުވެސް އިންނާނެ މީހަކު ނުލިބުނޭ ކިޔާފައި، ވަރަށް ރުޅި އައި ، އެކަމަކު އެއްވެސް އެއްޗެކޭ ނުބުނަން ބްލޮކް ކޮށްލީ،” ހީނގެންފައި އަނާ ބުންޏެވެ.
އަނާގެ ހަޔާތުގެ ބައިވެރިޔާގެ ޖާގަ އޮތީ ހުސްކޮށްކަމަށް، ދެކޭ މީހުންނަށް ހީވިޔަސް އެއީ އެއްގޮތަކަށްވެސް ކަން އޮތް ގޮތެއް ނޫނެވެ. އަނާގެ “ލައިފްޕާޓްނަރ”ގެ ޖާގަ އޮތީ “ރިޒާވް” ކޮށްފައެވެ. ދެން އޮތީ އެމަގާމު ރަސްމީކޮށް ރަޖިސްޓްރީކުރުމެވެ. އެކަންވެސް އޮތީ އެހާ ދުރަކުނޫނެވެ. ހަމަ ވަރަށް އަވަހަށް އަނާގެ ކައިވެނީގެ ހަބަރުވެސް ލިބިގެންދާނެއެވެ،
މިހާތަނަށް ކުރަން ބޭނުންވެފައި، އެކަމަކު އަދި ނުކުރެވި އޮތް އެއްވެސް ކަމެއް އެބައޮތްތޯ؟
“ކުރަން ބޭނުން މެއިން ކަންތައް ކުރަމުން މިދަނީ، ދެން ބައެއް ކަންތައް ހުންނާނެތާ ނުވާނެ، ނުވެ އެކަމަކު ކުރިއަށް އޮތްތަނުގައި އިރާދަކުރެއްވިއްޔާ ވާނެ، ބޭނުންވާ ކަންކަން މިހާރު މިދަނީ މަޑުމަޑުން ފުލްފިލް ކުރަމުން،” އަނާ ހެމުން ހެމުން ޖަވާބު ދިނެވެ.
ޕަބްލިކް ރިލޭޝަންސް ދާއިރާގައި ހުރި އެންމެ ބޮޑު ގޮންޖެހުންތަކަކީ ކޮބައިތޯ؟
“އަސްލު އޮޕޮޗުނިޓީއަކީވެސް ޗެލެންޖަކީވެސް ސޯޝަލްމީޑިއާ އޭ ބުނާނީ، ސޯޝަލް މީޑިއާ ގެ ސަބަބުން މިހާރު މީހުން އިންފޮމޭޝަން ކޮންސިއުމް ކުރާ ގޮތާއި މީހުންނާ ކަނެކްޓްވާ ގޮތާ ހުރިހާ އެއްޗެއް ވަރަށް ބޮޑަށް ބަދަލުވެގެން މި އަންނަނީ، މިއުޅެނީ ހަމަ ބޮޑު އިންފޮމޭޝަން އޯވަރ ލޯޑެއްގައި، އެންޑް އެ އިންފޮމޭޝަން ރިޓެއިން އެއް ނުކުރެވޭ، މީހުންގެ އެޓެންޝަން ދަނީ ދުވަހެއް ދުވަހަކަށްދަށަށް، އެއީ ވަރަށް ބޮޑަށް ޗެލެންޖެއް ކަންނޭނގެ އެންޑް ކޮންމެ މީހަކަށް ވެސް އައިސް ސޯޝަލް މީޑިއާގައި ކޮންމެ އެއްޗެކޭވެސް ބުނެވިދާނެ، އެހެންވީމާ ފޭކް ނިއުސް، ދޮގުހަބަރުތަކާ މި އެއްޗެހި ވަކިކުރަން ވެސް ވަރަށް ބޮޑަށް އެބަ އުނދަގޫވޭ،
އޮޕޮޗުނިޓީއެއް ގޮތަށް ބުނަންޏާއެ ގޮތަށް ބުނަން އައުމު ސޯޝަލް މީޑިއާގެ ސަބަބުން މިހާރު ބްރޭންޑްތަކާއި ކޮމްޕެނީތަކަށް ޑަރެކްޓް އަދި އެމީހުންގެ ކޮންސިއުމާސްއާ ވާހަކަ ދެއްކޭ އެބަ، ޓޫވެކޮމިއުނިކޭޝަނެއް އެބަ އިނދޭއެޅިފައި، ސޯ ސޯޝަލް މީޑިއާ ހުރިހާވެސް އެއްޗަކީ,”

ހުޅުމާލެ ފޭސް1، އެޝުއަރ ގާރޑެން ތެރޭގެ ހިތްގައިމު ފެހިބަގީޗާ ތެރޭ، އަނާއާއެކު “ހުވަދޫމީޑިއާ”ގެ އ.އެޑިޓަރ މަރްޔަމް ޝަފާ ، ރީތިހަވީރެއްގެ އުފާވެރި ވަގުތުކޮޅެއް —ފޮޓޯ: އަޚްތަރު -ހުވަދޫމީޑިއާ
އަނާގެ ނަޒަރުގައި ކާމިޔާބު އަންހެނަކަށް ވުމަށް ބޭނުންވަނީ ކޮން ކަމެއްތޯ؟
“ކާމިޔާބު އަންހެނަކަށް އެކަންޏެއް ނޫންކަން ނޭނގޭދޯ ކާމިޔާބު މީހަކަށް ވުމަށް، އަމިއްލަ މީހާއާ ދޭތެރޭ އޮންނަ އިތުބާރު ދަމަހައްޓަން ޖެހޭ، އެ ސެލްފް ބިލީފެއް އިންނަން ޖެހޭ ތިިމަންނައަށް ކަންތައްތައް ވާނެކަން، ތިމަންނާއަށް ކަންތައްތައް ކުރެވޭނެކަން، އޭރުން ޔޫ ވިލް ޗޭސް އޮޕޮޗުނިޓީސްތައް، އެކަމެއްގެ ދޮރުތައް ހުޅުވިގެންދާނެ، އޭގެ ސަބަބުން އަމިއްލަ މީހާ ގްރޯވެގެން ދާނެ ދެން މީހާގެ ފުލް ޕޮޓެންޝަލްއަށްވެސް ރީޗް ވާނެ،”
ތެދެކެވެ. ކާމިޔާބު މީހަކަށް ވުމަށްޓަކައި އަމިއްލަ ނަފުސަށް އޮންނަ އިތުބާރާއި ޔަގީންކަމަކީ ހުރިހާ ކަމަކަަށް ހުޅިވިގެންދާނެ ދޮރެކެވެ. ތިމާއަށް ތިމާ ބޭނުންވާ ކަންކަން ކުރުމުގެ ހިތްވަރު ކަށިންނެރެވޭނެ ކަމުގް ޔަގީންކަން އޮންނަންވާނެއެވެ. ނަފުސުގެ އިތުބާރާއެކު ނަފުސުގެ އަގުވަޒަން ކުރާ މީހަކީ ސީދާ މަގުގައިސާބިތުވެ ހުރުމުގެ ހިތްވަރު ކުރާ މީހާއެވެ.
ތިއީ ވަރަށް ފޮނި މީހެކޭ ބުނެވިދާނެތަ؟
އަސްލު ނުބުނެވޭނެ، ނުދަންނަ މީހުން ބުނެފާނެ، އެކަމަކު ވާހަކަ ދައްކައި އެނގެން ފެށުމުން ނުބުނާނެ ފޮނިމީހެކޭ.
އަނާގެ އުއްމީދަކީ ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ލިބުމެވެ. އެކަމަށްޓަކައި މިހާރު އޭނާ ކުރިއަށް އެދާ މަގު އޮތީ ސީދާކޮށް އަމާންކޮށް ހުޅުވިފައެވެ. އަމިއްލަ ނަފުސަށް ކުރާ އިތުބާރާއި މައިންބަފައިންނާއި އާއިލާގެ ލޯތްބާއި ހެޔޮއެދުމާއެކު މަސައްކަތް ކުރަމުންދާ އަނާއަށް އޭނާގެ ހަޔާތުގެ ގިނަ ހަރުފަތްތައް ވަނީ ކާމިޔާބުވެފައެވެ. ކޮންމެ ކަމެއްގައިވެސް މަންމަ އަޒްރާގެ އިރުޝާދާއި އެހީ ހޯދައިގެން ތިމާގެ 100% ގައި ކުރިމަތިލާ އަނާ މަންމައަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރިއެވެ. އަދި ހުރިހާ ކަމެއްގައިވެސް އެންމެ ބޮޑަށް ހިތްވަރުދޭ އޭނާގެ ލޯބިވާ ފިރިހެން ކޮއްކޮ އަށްވެސް އަނާ ހިތުގެ އަޑިން ޝުކުރު އަަދާކުރިއެވެ.
އަލަށް ފަށާ މީހުންނަށް އަނާދޭ ނަސޭހަތް؛ ކޮންޓެންޓް ކްރިއޭޝަންގެ ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އަނާ ދޭ އެންމެ މުހިންމު ނަސޭހަތަކީ، ފުރައްސާރައަށް ބެލުމެއްނެތި ކުރިއަށް ދިއުމެވެ. އަދި ކޮންސިސްޓަންޓްކޮށް ރަނގަޅު ފެންވަރުގެ ކޮންޓެންޓް އުފެއްދުމެވެ. އޭނާ ދެކޭގޮތުގައި މި ދާއިރާގައި ކާމިޔާބު ހޯދޭނީ އެކަމާމެދު ޝައުޤުވެރިކަން ހުރެގެންނެވެ.
ދިވެހިރާއްޖޭގެ ސޯޝަލް މީޑިއާ މަޝްރަޙުގައި ފާހަގަކޮށްލެވޭ އެއް ޝަޚްޞިއްޔަތެއްގެ ގޮތުގައި އަނާނަސީމް ފާހަގަކުރެވެއެވެ. އޭނާގެ ހުނަރުވެރިކަމާއި ހިތްވަރުގަދަކަމާއެކު، ޒަމާނީ މީޑިއާގެ ދާއިރާގައި ކުރިއަރަމުންދާ ދިވެހި އަންހެނެއްގެ ގޮތުގައި މިހާރު ވަނީ ރަނގަޅު މިސާލަކަށް ވެފައެވެ.
އަނާގެ ވިސްނުމާއި ފިކުރަކީ ޒަމާނީ ޓެކްނޮލޮޖީއާކު ކުރިއަށްދިއުމުގެ ރަނގަޅު މިސާލެކެވެ. ސޯޝަލް މީޑިއާގެ ދުނިޔޭގައި ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލައި، އޭގެ ތެރެއިން ކާމިޔާބީ ހޯދުމުގެ ރަނގަޅު މިސާލެއް އޭނާވަނީ ދައްކުވައިދީފައެވެ. މިއީ ޒަމާނީ ދިވެހި އަންހެނުންނަށް މަގުދައްކައިދޭ ރަނގަޅު ނަމޫނާއެކެވެ. ހުވަދޫމީޑިއާ އިން އެދެނީ އަނާއަށް ވަރަށްވެސް ފާގަތި އަދި ފަހި މުސްތަގުބަލެކެވެ. އަނާ އެދޭފަދައިން ކާމިޔާބާއި އުފާވެރިކަން އޮތް ނަަލަ ދިރިއުޅުމެއް ލިބުމެވެ.
ޢަނާގެ ޓިކްޓޮކް ލިންކް އިން ނަމަ ނޫނީ ހުޅުވުމުގެ ރަސްމިއްޔާތުގެ ވީޑިއޯކޮޅެއް އިންނަމަ ވަރަށް ފުރިހަމަވީސް
އަނާގެ ހުށަހެޅުންތައް ވ.ވ. ސަޅި ،ހިއްވަރާއެކު ކުރިޔައްގެންދޭ.