ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އައު ޓާމިނަލާއެކު ފުރަތަމަ ފަހަރަށް ބެގޭޖް ޗެކިންއަށް ތްރީ-ޑީ ސްކްރީނިން މެޝިން ބޭނުންކުރަން ނިންމައިފިއެވެ.
ވެލާނާ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން މިއަދު މީޑިއާތަކަށް ދިން މައުލޫމާތުގައިވާ ގޮތުން، (ވީއައިއޭ) ގެ އާ ޓާމިނަލާއެކު ބޭނުންކުރާ ބެގޭޖް ހޭންޑްލިން ސިސްޓަމްގައި ގަޑިއިރެއް ތެރޭގައި 1200 ދާގީނާ އަދި މިނެޓެއް ތެރޭގައި 20 ދާގީނާ ސްކްރީން ކުރެވޭނެ ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.
(ވީއައިއޭ) ގެ އައު ޓާމިނަލްގައި ބޭނުންކުރާ ސްކްރީނިން މެޝިނަކީ މެލޭޝިއާގެ ކުއަލަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓް އަދި ސިންގަޕޫރުގެ ޗަންގީ އެއާޕޯޓުގައި ބޭނުންކުރާ ފަދަ ސިސްޓަމްތަކެކެވެ.
އާ ޓާމިނަލުގައި ބޭނުންކުރާ ބެގޭޖް ހޭންޑްލިން ސިސްޓަމާ ގުޅޭ މައުލޫމާތުތައް:
- ގަޑިއިރެއް ތެރޭ 1200 ދާގީނާ/ މިނެޓެއް ތެރޭ 20 ދާގީނާ ސްކްރީން ކުރެވޭނެ
- ރާއްޖޭގައި ފުރަތަމަ ފަހަރަށް ތްރީ-ޑީ ސްކްރީނިން މެޝިން ބޭނުންކުރާނެ
- މިއީ މެލޭޝިއާގެ ކުއަލަ ލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓް އަދި ސިންގަޕޫރުގެ ޗަންގީ އެއާޕޯޓުގައި ބޭނުންކުރާ ފަދަ ސިސްޓަމް
- ސަލާމަތީ ކަންކަން އިތުރަށް ކަށަވަރުކުރަން ތިން ލެވަލްއަކަށް ދާގީނާ ސްކްރީން ކުރާނެ
- މުޅި ސިސްޓަމްގެ 90-80 އިންސައްތަ ކުރިއަށްދާނީ އޮޓަމެޓިކްކޮށް
މިހާރު ދާގީނާ ސްކްރީން ކުރުމުގައި ހުރި ގޮންޖެހުންތައް:
- ޗެކިން ކައުންޓަރަށް ދިއުމުގެ ކުރިން ޓާމިނަލް ބޭރުގައި ދިގު ކިއުއެއް ހަދަން ޖެހުމުގެ ސަބަބުންނާއި ދާގީނާ ސްކޭން ކުރަން ޖެހުމުން ފަސިންޖަރުންގެ ވަގުތު ގެއްލި، ބުރަތަކެއް އުފުލަން ޖެހުން
- އެންމެން ކުރިމަތީގައި ދާގީނާ ސްކޭން ކުރަން ޖެހުމާއި ދާގީނާ ހުޅުވަން ޖެހުމުން ފަސިންޖަރުންގެ ޕްރައިވަސީ ގެއްލުން
- ދާގީނާ ސްކޭން ކުރުމުގައި އެންމެ ސެކިއުރިޓީ މަރުހަލާއެއް އޮތުން
އާ ޓާމިނަލް އާއެކު ދާގީނާ ސްކްރީން ކުރުމަށް އަންނާނެ ބަދަލުތައް:
- މިހާރު ބޭނުން ކުރަމުން އަންނަ ޓާމިނަލާ ހިލާފަށް އާ ޓާމިނަލުގައި ޗެކިން ކައުންޓަރުތަކަށް ދިއުމުގެ ކުރިން ދާގީނާ ސްކޭން ކުރާކަށް ނުޖެހޭނެ. އެގޮތުން ޓާމިނަލަށް ވަނުމުގެ ކުރިން ޓިކެޓު ދައްކާލުމަށްފަހު ވަގުތުން ޗެކިން ކައުންޓަރަށް ދެވޭނެ
- އާ ޓާމިނަލުގައި 47 ޗެކިން ކައުންޓަރާއި ސެލްފް ޗެކިންގެ ހަ ކިއޮކްސް ހުންނާނެ. އަދި ޗެކިން އޭރިއާގެ ޖާގަ ތަނަވަސްވާނެ. މީގެ ސަބަބުން ޓާމިނަލް ތެރޭގައި ތޮއްޖެހުން ކުޑަވެ، ހިދުމަތް އަވަސްވާނެ
އާ ޓާމިނަލްގައި ދާގީނާ ހޭންޑްލިން ސިސްޓަމުން ސްކްރީން ކުރާ ތިން މަރުހަލާ އަކަށެވެ.
ފުރަތަމަ މަރުހަލާ:
- ޗެކިން ވުމަށްފަހު ދޫކޮށްލާ ދާގީނާ ފުރަތަމަ ދާނީ މި މަރުހަލާއަށް.
- މި މަރުހަލާގައި ދާގީނާތަކުގެ ސްކްރީންތައް ކުރިއަށްދާނީ އޮޓަމެޓިކް ސިސްޓަމްތަކަކުން
- އެކަމަށްޓަކައި ބޭނުންކުރާނީ އެންމެ ފަހުގެ އީޑީއެސް (ސީޓީއެކްސް) ކެޕޭސިޓީގެ 4 މެޝިން.
- މިއީ ތްރީ-ޑީކޮށް ދާގީނާ ސްކްރީން ކުރާ މެޝިންތަކެއް، މިއީ ރާއްޖޭގައި މިފަދަ މެޝިންތަކެއް ބޭނުންކުރާ ފުރަތަމަ ފަހަރު
- މި މަރުހަލާ އިން އެއްވެސް ކަމެއް ފާހަގަކުރެވިއްޖެ ނަމަ ދާގީނާ ދެން ފޮނުވާލާނީ 2 ވަނަ މަރުހަލާއަށް
2 ވަނަ މަރުހަލާ:
- މިއީ އޮޓަމޭޓެޑް މެޝިނުން ފާހަގަވި ކަންތައް އިތުރަށް ކަށަވަރު ކުރުމަށް ފޮނުވާ މަރުހަލާ
- މި މަރުހަލާގައި ދާގީނާ ސްކްރީން ކުރާނީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އެވްސެކޮމް)ގެ އޮފިސަރުންނާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އޮފިސަރުން
- އެގޮތުން އެވްސެކޮމްގެ އޮފިސަރުންނަށް ހާއްސަ 18 މޭޒާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އޮފިސަރުންނަށް ހާއްސަ 22 މޭޒު ހުންނާނެ
- ނަމަވެސް އެ އޮފިސަރުން ދާގީނާ ސްކްރީން ކުރުމުގެ މަސައްކަތް ކުރާނީ ސިސްޓަމެއް މެދުވެރިކޮށް
- މި މަރުހަލާ އިން އެއްވެސް މައްސަލައެއް ފާހަގަނުވެއްޖެ ނަމަ ދާގީނާ އަނބުރާ އާންމު ރޫޓަށް ފޮނުވާލެވޭނެ. މައްސަލައެއް ފާހަގަވެއްޖެ ނަމަ ދާގީނާ ފޮނުވާލާނީ ތިންވަނަ އަދި އެންމެ ފަހު މަރުހަލާއަށް
3 ވަނަ މަރުހަލާ:
- މިއީ އާ ޓާމިނަލްގެ ދާގީނާ ހޭންޑްލިން ސިސްޓަމުން ދާގީނާ ސްކްރީން ކުރާނެ އެންމެ ފަހު މަރުހަލާ
- މި މަރުހަލާގައިވެސް ދާގީނާ ސްކްރީން ކުރާނީ އެވްސެކޮމްގެ އޮފިސަރުން
- މި މަރުހަލާގައި ދާގީނާ ސްކްރީން ކުރާނީ ޑުއަލް ވިއު ސްކްރީނިން މެޝިންތަކުން. މިއީ މިހާރުވެސް ބޭނުންކުރާ އަޔާޓާ ސްޓެންޑަޑްގެ މެޝިންތަކެއް
- އެކަމަށްޓަކައި 6 ސްޓޭޝަން ހުންނާނެ
- މި މަރުހަލާގައި ދާގީނާ އިން މަތިންދާބޯޓަށް އަރުވަން މަނާ އެއްވެސް އެއްޗެއް ފެނިއްޖެ ނަމަ ދާގީނާ ހުޅުވާނެ. އެކަން ކުރާނީ އެކަމަށް ހާއްސަކޮށްފައިވާ ސަރަހައްދަށް ގެންގޮސް. ދާގީނާއެއް ހުޅުވާނީ އެ ދާގީނާއެއް ނިސްބަތްވާ މީހަކު ގެނެސް އޭނާގެ ހާޒިރުގައި. އަދި ދާގީނާ އިން ނަގަންޖެހޭ އެއްޗެއް ފާހަގަވެއްޖެ ނަމަ، އެ އެއްޗެއް ނެގުމަށްފަހު ދާގީނާ ލޯޑް ކުރަން ފޮނުވާލެވޭނެ
އެރައިވަލް/ އަންނަ ފަސިންޖަރުންގެ ދާގީނާ ސްކްރީން ކުރުން
- މިހާރު ބޭނުން ކުރަމުން އަންނަ ޓާމިނަލުގައި ދާގީނާ ނެރެން އިންނަނީ 4 ބެލްޓް
- ވައިގެ މަގުން ރާއްޖެ އަންނަ ފަސިންޖަރުން އިމިގްރޭޝަން މަރުހަލާ ނިމި، ދާގީނާ އަންނަން ދެން ގިނަ ވަގުތު މަޑުކުރަން ޖެހުމަކީ ބޮޑު ބުރައަކާއި ޝަކުވާއެއް
- ހާއްސަކޮށް ގިނަ ފްލައިޓުތަކެއް އެއްފަހަރާ އަތުވެއްޖެ ނަމަ އެރައިވަލް ހޯލް ފުރި ތޮއްޖެހުމަކީ ދިމާވާ ބޮޑު ދައްޗެއް
- އެކަން ހައްލުކުރުމަށް އާ ޓާމިނަލުގައި ދާގީނާ ނެރެން 6 ބެލްޓް ހުންނާނެ. އަދި ދާގީނާ ސްކޭން ކުރުމަށްފަހު ނެރުމަށް ބޭނުން ކުރާނީ ހައި ސްޕީޑް މެޝިންތަކެއް. މިކަމުގެ ސަބަބުން ދާގީނާ ލިބެންދެން މަޑުކުރަންޖެހޭ ވަގުތު ކުޑަ ކުރެވޭނެ.
- އާ ޓާމިނަލުގައި އެރައިވަލް ހޯލް ބޮޑުވާނެ