ޢާންމު ރައްޔިތުން ޙައްޖަށް ދިއުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދައްކާ ފައިސާއިން ޒަކާތް ދައްކަންޖެހޭނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނެފިއެވެ.
ފަތުވާ މަޖިލީހުން ބުނީ ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށް ދިއުމަށް ދައްކާ ފައިސާއިން ޒަކާތް ދިނުމާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުން އެ ފައިސާ ދައްކަން ޖެހޭ ގޮތަށް ނިންމީ ހައްޖު ކޯޕަރޭޝަނުން ދިން މައުލޫމާތުގެ އަލީގައި ކަމަށެވެ.
އެ މައްސަލައިގައި އެ ކޯޕަރޭޝަނުން އެ މަޖިލީހަށް ހުށަހެޅި މައުލޫމާތުގެ މައްޗަށް ކުރި ދިރާސާއަށްފަހު، ހައްޖަށް ދިއުމަށް ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ ހައްކު ކޯޕަރޭޝަނުން ކަމަށް އެ ފަތުވާގައި ވަނީ ބަޔާންކޮށްފައެވެ.
އެ މައްސަލަ ދިރާސާ ކުރުމަށްފަހު ފަތުވާދޭ މަޖިލީހުން ނިންމާފައިވަނީ ޢާންމު ރައްޔިތުން ޙައްޖަށް ދިއުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދައްކާ ފައިސާއިން ޒަކާތް ދައްކަންޖެހޭނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން ކަމަށެވެ.
ހައްޖު ކޯޕަރޭޝަނުގެ އުސޫލުގައިވާ ގޮތުން، އާންމުން ހައްޖަށް ގެންދިއުމަށް ކަނޑައަޅާފައިވާ އަގަކީ 69،965 ރުފިޔާއެވެ. އެ ފައިސާ ދެއްކުމަށް ހައްޖު އެކައުންޓެއް ހުޅުވަން ޖެހެއެވެ.
އިސްލާމީ ފަތުވާދޭ މަޖިލީހަކީ ދިވެހިރާއްޖޭގައި ދީނީގޮތުން ޚިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި، ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ބޭނުންވާނެ އެކިއެކި ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި، ފިޤުހީ އައު މައްސަލަތަކުގެ ދިރާސާތައް ކުރުމަށާއި، އެކަންކަމާ ގުޅޭ ދީނީ ލަފާޔާއި އިރުޝާދު ފޯރުކޮށްދިނުމަށްޓަކައި، އުފައްދާފައިވާ މަޖިލީހެކެވެ.