ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ކުޑަ ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ޒަކަރިއްޔާ މުޙައްމަދުގެ ހަށިގަނޑު މިއަދު ގަމުގެ ދެކުނު ފަރާތު ހޭޅިފަށުން ފެނިއްޖެއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި ޒަކަރިއްޔާގެ ހަށިގަނޑު ފެނިފައިވަނީ ގަމުގެ ދެކުނު ފަރާތު ހޭޅިފަށު އަކިރިގަނޑު މަތިންނެވެ. އެ ސަރަހައްދުގައި މިވަގުތު ދަނީ ފުލުހުން ހަރަކާތްތެރިވަމުންނެވެ.
ޒަކަރިއްޔާ ގައްދޫން ފުރާފައިވަނީ މިދިޔަ ބްރާސްފަތި ދުވަހުގެ ހެނދުނު 9:30 ހާއިރުއެވެ. އޭގެ ފަހުން އެންމެ ފަހުން އޭނާގެ ޚަބަރު ލިބިފައިވަނީ 11:15 ގައި ގަމުން ފުރި ކަމަށެވެ. ނަމަވެސް އޭގެ ފަހުން ޒަކަރިއްޔާގެ އެއްވެސް ޚަބަރެއް ނުލިބުމާ ގުޅިގެން އެދުވަހުގެ ހަވީރު ވަނީ އޭނާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.
އެމްއެންޑީއެފުން ޒަކަރިއްޔާ ހޯދުމުގެ އޮޕަރޭޝަންގައި، ކަނޑުމަގުންނާއި ވައިގެމަގުން ބޮޑު ސަރަހައްދެއް ބަލާފައިވެއެވެ. މި އޮޕަރޭޝަންގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާއި ކޯސްޓްގާޑް ފޯތު ސްކޮޑްރަން ބައިވެރިވެފައިވެއެވެ. އަދި މި މަސައްކަތުގެ ތެރެއިން ޒަކަރިއްޔާ ދަތުރުކުރި ޑިންގީއާއި އޭގެ ނަގިލި ވަނީ ފެނިފައެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލް ހޯދުމަށް ފުލުހުންނާއި އެމްއެންޑީއެފްގެ ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.