މި އަހަރުގެ މެއި މަހާ އަޅާބަލާއިރު މި އަހަރުގެ ޖޫން މަހު އެކި ބަލިތައް ޖެހިގެން ރިޕޯޓްކުރެވުނު އަދަދު ދަށަށް ގޮސްފައިވާކަމަށް ހެލްތު ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރައްވައިފިއެވެ.
މި މަހު ޑެންގޫ ހުން ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދު ދަށް ނަމަވެސް ފަދަ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއި، މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމުގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމުކަމެއް ކަމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
އެގޮތުން، މިދިޔަ އަހަރު މެއި މަހުގައި ޑެންގީ ހުމުގެ 504 ކޭސް އަދި ޖޫން މަހުގައި 813 ޑެންގީ ހުމުގެ ކޭސް ރިޕޯޓްކޮށްފައިވާއިރު، މި އަހަރު މެއި މަހުގައި 173 މީހުން އަދި ޖޫން މަހުގައި 165 މީހުން ޑެންގީހުން ޖެހިގެން ރިޕޯޓްކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ.
ހަމައެއާއެކު، މިއަހަރުގެ މޭ މަހާ އަޅާބަލާއިރ،ު ޖޫން މަހު، އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކުރެވުނު އަދަދު ވެސް ވަނީ ދަށަށް ގޮސްފައެވެ. އަދި މިއަހަރުގެ މެއި މަހާ އަޅާބަލާއިރ،ު ޖޫން މަހު، އިންފްލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރެވުނު އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން، މިއަހަރުގެ މިހާތަނަށް ޓެސްޓް ކުރެވުނު 1489 ސާމްޕަލްގެ ތެރެއިން 371 ސާމްޕަލް ވަނީ އިންފްލުއެންޒާ އަށް ޕޮޒިޓިވް ވެފައެވެ.
މިދިޔަ އަހަރު މެއި މަހުގައި އަރިދަފުސް ރޯގާ ޖެހިގެން 27777 ކޭސް އަދި ޖޫން މަހުގައި 27944 އަރިދަފުސް ރޯގާގެ ކޭސް ރިޕޯޓްކޮށްފައިވެއެވެ. އެހެންނަމަވެސް މި އަހަރު މެއި މަހުގައި 39059 މީހުން އަދި ޖޫން މަހުގައި 32718 މީހުން ޑެންގީހުން ޖެހިގެން ރިޕޯޓްކޮށްފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
މިއަހަރުގެ މޭ މަހާ އަޅާބަލާއިރ،ު ޖޫން މަހު ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކުރެވުނު އަދަދު ވެސް ދަށްވެފައިވާއިރު، މިދިޔަ އަހަރު މެއި މަހުގައި ބޭރަށް ހިންގުމުގެ 3508 ކޭސް އަދި ޖޫން މަހުގައި 5179 ބޭރަށް ހިންގުމުގެ ކޭސް ރިޕޯޓްކޮށްފައިވީ ނަމަވެސް މި އަހަރު މެއި މަހު 4449 މީހުން އަދި ޖޫން މަހުގައި 3861 މީހުން ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކޮށްފައިވެއެވެ.