މާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވީ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އަދި މަރިޔަމް އަޝްފާގެ ހަމައެކަނި ދަރިފުޅު އަލްސަން މުހައްމަދު ކަން އެނގިއްޖެއެވެ.
މިރޭ 8:10 ހާއިރު ހިނގި މި އެކްސިޑެންޓު ހިނގާފައިވަނީ ބޮޑުތަކުރުފާނު މަގު މާފަންނު ބަސް ޓާމިނަލް ކައިރީގައެވެ. އެކްސިޑެންޓު ހިނގަން މެދުވެރިވީ ކަފިހި ހުރަހުން މަތިން މީހަކު ހުރަސް ކުރަނިކޮށް ސައިކަލު ކޮންޓްރޯލް ނުވެ އައިސް އޭނާގެ ގައިގައި ޖެހުމުންނެވެ. ސައިކަލު ދުއްވިލެއް ބާރުކަމުން ސައިކަލު މަތަވީ މަގު ހުރަސްކުރި މީހާގެ ގައިގައި ޖެހިފައި، ކައިރިން ދުއްވަމުންދިޔަ ޕިކަޕަކަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލްސަން އިނީ އެކްސިޑެންޓުވި ސައިކަލުގަ އެވެ. އަލްސަންގެ އިތުރުން އިތުރު ދެ މީހަކު އެކްސިޑެންޓުގައި އަނިޔާވި އިރު، އަނިޔާވެފައިވަނީ 16 އަހަރުގެ ކުއްޖަކަށާއި 40 އަހަރުގެ މީހަކަށް ކަމަށް މައުލޫމާތު ލިބެއެވެ. މި ދެ މީހުންގެ ހާލު ވެސް ސީރިއަސް ކަމަށް ފުލުހުން ބުނެ އެވެ.
މީސް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި މަގުމަތީގައި ގިނަ އަދަދެއްގެ ލޭ ފެންނަން ހުރި އިރު، އާންމުވެފައިވާ ސީސީޓީވީ ފުޓޭޖުން ފެންނަގޮތުގައި ސައިކަލު ޕިކަޕުގައި ޖެހުނު ބާރުކަމުން އެ ތަނުން އެއް ކުއްޖަކު ޕިކަޕްގެ ދަށަށް ގޮސް ވަތް ތަން ފެނެއެވެ.
ފުލުހުން މިހާރު ގެންދަނީ މި އެކްސިޑެންޓު ހިނގި ގޮތް ތަހުގީގު ކުރަމުންނެވެ.