ފ. މަގޫދޫގައި މިހާރު ހަދަމުންގެންދާ އެއާޕޯޓްގެ ފަޔަރ ބިލްޑިންއަށް ގެއްލުންތަކެއްދީ، އެއިމާރާތުގައި ރޯކޮށްލަން ބަޔަކު މަސައްކަތްކޮށްފިއެވެ.
އެއާޕޯޓްގެ މިހާރު ހަދާފައިވާ ސްޓްރަކްޗަރތަކުގެ ތެރެއިން ޓާމިނަލްގައި މިހާތަނަށް ނިމިފައި ވަނީ ސިމެންތި ޖެހުމުގެ މަސައްކަތަ ދަގަނޑުގެ މަސައްކަތްކަމުން އިމާރާތަށް މާބޮޑު ގެއްލުމެއް ލިބިފައެއް ނުވިނަމަވެސް، އެއާޕޯޓުގެ އޭޓީސީ ޓަވަރ/ ފަޔަރ ބިލްޑިންގް އިމާރާތުގެ ގްރައުންޑް ފްލޯގެ ވަށައިގެން ޖަހާފައިވާ ހުރިހާ ބިއްލޫރިތަކެއްް ވަނީ ގާއުކާ ތަޅާލާފައެވެ.
ހަމައެއާއެކު، ޕްލާސްޓިކް ގޮނޑިއެއް އަންދާލުމަށްފަހު މިއިމާރާތުގެ ފަސްޓް ފްލޯގެ ރަންވޭއާއި ދިމާލު ސީލިންގް ތެރެއަށްވެސް ލާފައިވާއިރު، އިމާރާތުގެ ގްރައުންޑް ފްލޯއިން އަރާ ސިޑިއާއި ދިމާލުންވެސް ވަނީ އަންދާލާފައެވެ. ނަމަވެސް މިއަލިފާންގަނޑު އިތުރަށް ފެތުރިފައި ނުވާކަން ފާހަގަކޮށްލެެވެއެވެ.
މިއިމާރާތުގެ ފުރަތަމަ ފްލޯގައި ހުރި ހުރިހާ ޕްލާސްޓިކް ގޮނޑިތަކެއް އަންދާލާފައިވާއިިރު، މިއީ އިމާރާތް އެއްކޮށް އަންދާލުމަށް ކޮށްފައިވާ ކަމެއް ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
މިހާދިސާ ހިނގާފައިވަނީ ރޭގަނޑުގެ ވަގުތެއްގައެވެ. މި އިމާރާތުގައި ސެކިއުރިޓީވެސް ހަމަޖައްސާފައި ހުންނައިރު، މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

