ފެމިލީ ކޯޓުން، ސާބިތު ހަރަދަށް، ދަރީންގެ ހަރަދު ނުދޭ މީހުންގެ މައުލޫމާތު ފޮޓޯއާއެކު އާންމުކުރަން މިއަދު ފަށައިފިއެވެ. މިގޮތުން އެންމެ ފުރަތަމަ އާންމުކޮށްފައިވަނީ މާލޭ ދަފުތަރު ނަންބަރު އާރްއެސް 2758، އަހުމަދު އަލީގެ މައުލޫމާތެވެ.
“ސާބިތު ހަރަދަށް ފައިސާ ނުދައްކާ ފަރާތްތަކާ މެދު ކޯޓުން އަޅާ ފިޔަވަޅެއްގެ ގޮތުން އަންނަނިވި ފަރާތަކީ ދަރިފުޅުގެ ހަރަދުގެ ގޮތުގައި ކޯޓު މެދުވެރިކޮށް ދައްކަން ޖެހޭ ފައިސާ ދައްކަމުން ނުދާ ފަރާތެއްކަން، އާންމުކޮށް އަންގަމެވެ،” ފެމިލީ ކޯޓުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނެފައިވެއެވެ.
އާއިލާއާ ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ދަރީންގެ ހަރަދު ނުދޭ މީހުންގެ ވަނަވަރު ކޯޓުތަކުން ހާމަކުރަން ޖެހެއެވެ. ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދަރީންގެ ހަރަދު ދިނުމުގައި އިހުމާލުވާ މައްސަލަތަކަކީ އެ ކޯޓަށް އެންމެ ގިނައިން ހުށަހެޅޭ އެއް ބާވަތުގެ މައްސަލައެވެ.
ދަރީންގެ ހަރަދު ނަގައިދެވޭ މިންވަރު
ދަރީންނަށް ހަރަދު ނަގައިދިނުމުގެ ގަވާއިދުގައިވާ ގޮތުން، އެންމެ ކުއްޖަކު ހުރިނަމަ މަހަކު 2,000 ރުފިޔާ އަދި އެއް ކުއްޖަކަށްވުރެ ގިނަ ކުދިން ތިބޭނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް 1,000 ރުފިޔާގެ ރޭޓުން ކޮންމެ މަހަކު ދައްކަން ޖެހެއެވެ. ނަމަވެސް ކުއްޖާގެ ބައްޕަގެ މާލީ ތަނަވަސްކަން ހުރި މިންވަރަކުން ނުވަތަ ކުއްޖާއަށް އިތުރު ހަރަދުތަކެއް ކުރަންޖެހޭނަމަ، މި އަދަދަށް ވުރެ އިތުރަށް ހަރަދު ނަގައިދިނުމަށް އާއިލާއާ ބެހޭ ގަވާއިދު ހުރަހެއް ނާޅައެވެ.
މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ބައެއް މެޖިސްޓްރޭޓް ކޯޓުތަކުންވެސް ވަނީ ދަރިންގެ ހަރަދު ނުދޭ މީހުންގެ މައުލޫމާތު އާންމުކޮށްފައެވެ.