ރަހިމު ފައިބާތީ އުޅޭ ވާހަކަ އިވުމުން ހައިރާންވެފައި ވިސްނާލެވުނެވެ. ރަހިމު ފޭބުމޭ އެބުނަނީ އަނެއްކާ ކޮންކަމަކަށް ބާވައެވެ. ލިބިފައި ހުރި އިލްމާއި އެނގިފައި ހުރި ކަންތައްތަކާއި ދުނިޔޭގެ ގިނަ ގައުމުތަކުގެ ސިއްހީ ދާއިރާގެ ކަންތައްތަކުގެ ތެރޭގައި އުޅެވިފައި ހުރުުމުން ސިއްހަތާ ގުޅޭ ވާހަކައެއް އިވިއްޖެނަމަ ތަންކޮޅެއް ފަރުވާވެ ކަނުލާ އަހަމެވެ. ދަންނަ ފަރާތްތަކުން ސިއްހީ ކަމެެއްނަމަ ވަރަށް ގިނައިން ގުޅާ އޮޅުން ފިލުވާނެއެވެ. ކޮންމެ އުމުރެއްގެ، ކޮންމެ ފަންތިއެއްގެ އަދި ކޮންމެފަދަ ހައިސިއްޔަތެއްގެ ވިޔަސް، އެއުމުރަކާ ގުޅޭ ގޮތަށް، ވިސްނޭ ބީދައަކުން، ކޮންމެ ފަރާތަކުން ކޮށްލާ ސުވާލަކަށް ވެސް އެނގި ހުރި ވަރަކުން، ޑޮކްޓަރުންނާ ހަމައަށް ދާން ޖެހޭ ހިސާބާ ހަމައަށް ކިޔައިދެމެވެ. އިލްމަކީ ނުވަތަ އެނގިފަ ހުންނަ އެއްޗަކީ ކަލާނގެ ދެއްވާފައިވާ ނިޢުމަތަކަށް ވާ ފަދައިން އެއީ އަނެކުންނާ ހަމައަށް ފޯރުކޮށް ދޭން ޖެހޭ އަމާނާތެއް ކަން އެނގޭތީ، އަބަދުވެސް މިބުނާ އާދަ ހުރެއެވެ.
ރައްޓެއްސަކު ކަންބޮޑުވެފައި އޭނާގެ އަނބިމީހާގެ ރަހިމު ފޭބުމުގެ ވާހަކަ ބުނުމުން ވިސްނާލީމެވެ. ރަހިމެއް ނުފައިބާނެއެވެ. އެހެންވިއްޔާ އެދައްކަނީ ކޮން ވާހަކައެއް ބާވައެވެ. ދެ ޑޮކްޓަރަކަށް ދެއްކި ކަމަށާއި އެއީ މާބޮޑު ކަމެއް ނޫންކަމަށާއި އެކަން ރަނގަޅުވެދާނެއޭ ބުނިކަމަށްވެއެވެ. ހައިރާންވީ “ރަނގަޅު ވެދާނެ، މާބޮޑުކަމެއް ނޫން.” މި ބަސްތަކުންނެވެ. އަންހެނެއްގެ އެންމެ ނާޒުކު ގުނަވަނުން ބޭރަށް ކުރިން ނުހުންނަ ބައެއް ނުކުމެފައި ހުންނަ ހުރުމަކީ “މާބޮޑު ކަމަކަށް ނުވުން” އަޖައިބެއްތާއެވެ. ކޮންމެއަކަސް އެކުވެރިޔާގެ އަނބިމީހާ ނުވަތަ ގޮވާއުޅޭ ގާތްނަމުންނަމަ ‘ފަހަރި”ގެ ފޮޓޯއެއް ބަލާކަށް ނުކެރޭނެތާއެވެ. އެހެންކަމުން (ގޫގްލްސާޗް) ގޫގުލް ދޮންބެ ގާތުން އެގޮތް މިގޮތަށް އަހަމުން ދަނިކޮށް ދޮންބޭބެ ކުޑަވަރެއްގެ ހުލާސާއަކާއެކު ފަހަރިއަށް ޖެހިގެން އެއުޅޭ މައްސަލައިގެ ތަސްވީރުތައް ވެސް ދައްކައިދީފި އެވެ. އެކުވެރިޔާ އަށް ދެއްކުމުން ޔަގީންކަން ދިނެވެ. ހާލަތު ގޮސްފައިވާ ހިސާބު، ފަހަރި ތަހައްމަލު ކުރަމުންދާ ‘އަލާމާތް ތަކުން’ އެނގިއްޖެއެވެ. ނަސޭހަތްދިނީމެވެ. ހަރުކަށި ގޮތަކަށް ވަގުތުން ޑޮކްޓަރަށް، ގައިނީއަކަށް ދެއްކުމަށް، ފާޑަކަށް ކުރެވުނީވެސް އަމުރެކެވެ. މާފަށް ވެސް އެދުނީމެވެ.
“ރަހިމު ފައިބަނީ” ކަމަށް ބައެއް މީހުން މި ޢިޝާރާތް ކުރަނީ އެއްވެސް ޙާލެއްގައި އަންހެނާގެ ރަހިމު ފައިބާ ވާހަކައެެއް ނޫނެވެ. މިއީ “ޕްރޮލެޕްސްޑް ޔުޓޭރަސް”، ކިޔާ މައްސަލައެކެވެ. ރަހިމު ފައިބަނީ އޭ އެބުނާ ސަބަބަކީ، މިމައްސަލަ ޖެހުމުން އަންހެނުންގެ ޖިންސީގުނަވަނުގެ ތެރެއަށް “ކާވިކްސް” ފައިބާތީއެވެ. އަދިދެން އިށީނދެ އިނދެފައި ތެދުވެ އެބައި އެތެރެއަށް ޖައްސާލަން ޖެހޭ ހިސާބަށްވެސް ދެއެވެ.
މިއީ އެބުނާ “ރަނގަޅު ވެދާނެ، މާބޮޑު ކަމެެއް ނޫން.” ކަމެއް ނޫނެވެ. މިއީ މާ ބޮޑު ކަމެކެވެ. އަންހެނުންނަށް ދިމާވާ ދަތި އުނދަގޫ ހާލަތެކެވެ.
ޔުޓަރަސް (ނުވަތަ ރަހިމު) އުފެދިފައި ވަނީ، ޕެލްވިސްގެ ތެރޭގައި މަސްތަކާއި ޓިޝޫތަކާއި ލިގަމެންޓްތަކާއެކުގައެވެ. ވިހެއުމުގެ ސަބަބުން ބަލިވެ އިނުމާއި، ވިހެއުމާއި ނުވަތަ ވިހެއުމާއި ވިހެއުމަށް އުނދަގޫވުމުގެ ބައެއް ސަބަބުތަކާ ހެދި ބައެއް އަންހެނުންގެ މި މަސްތައް ބަލިކަށިވެއެވެ. އަންހެނަކު އުމުރުން ދުވަސްވުމުންނާއި ގުދުރަތީ ގޮތުން އެސްޓްރޮޖެން ހޯމޯން ހުއްޓުމާ ވިދިގެން ރަހިމު ޖިންސީ ގުނަވަނުގެ ތެރެއަށް ފައިބައި، “ޕްރޮލެޕްސްޑް ޔުޓަރެސް”ގެ މިހާލަތު ތަހައްމަލު ކުރަން ޖެހިދެއެވެ.
“ޕްރޮލެޕްސްޑް ޔުޓަރެސް”ގެ މިހާލަތު ދިމާވާ ބައެއް ކަހަލަ ސަބަބުތައް:
- ޅަޢުމުރުގައި ވިހެއުމާއި
- ޅައުމުރުގައިވެސް އެހެން އުމުރުގައިވެސް، ގިނައިން ވިހެއުން
- ފައިދާ ހުރި ކާނާ ނުލިބުން
- ބަރުތަކެތި އުފުލުމާއި ބުރަކޮށް އުޅުން،
- ވިހައި ކިރިޔާ ހަތަރުމަސް ނުވަނީސް ބަލިވެ އިނުމަށް މަސައްކަތް ކުރަން ޖެހުން
- ކައިރި ކައިރީގައި ބަލިވެ އިނުމާއެކު ގިނައިން އެބޯޝަން ހެއްދުން ނުވަތަ ބައިގެންދިއުންވެސް ހިމެނެއެވެ.
ޕްރޮލެޕްސްޑް ޔުޓަރެސްގެ އަލާމާތްތައް
- ޕެލްވިސްގައި ފުރިހަމަ ނުވަތަ ޕްރެޝަރެއް އިހުސާސް ވުން (ކުޑަ ބޯޅައެއްގެ މަތީގައި އިށީނދެގެން އުޅޭހެން ހީވެދާނެ)
- ކަނާތު ކޮނޑުގައި ރިއްސުން
- ޖިންސީ ގުނަވަނުން އެއްޗެއް ނުކުންނަހެން ހީވުން
- އަނބިފިރިކަމުގެގުޅުމުގައި ވޭން އިހުސާސްނުވިޔަސް އެއަށްފަހު ދިލަތޫނުތަދެއް ހުރުން
- ކުޑަކަމުދާން ނުވަތަ ގޮހޮރުގެ މަސައްކަތްތަކަށް ދަތިވުން
- ހިނގުމަށް އުނދަގޫވުން
ޕްރޮލެޕްސް ވުމަކީ ފުރާނައަށް ނުރައްކާވާ ކަމެއް ނޫން ނަމަވެސް އެއީ ތަދުވުމާއި ނުތަނަވަސްކަން ކުރިމަތިވާ ކަމެކެވެ. ޖިންސީ ގުނަވަނަށް ވާ އަނިޔާތަކާއި ޖެހޭ ބަލިތަކުން ވޭން އަޅައި ތަދުވާނީ އެންމެ ފުރަތަމަ ހަށިގަނޑުގެ އެހެން ގުނަވަންތަކުގައެވެ. ޕްރޮލެޕްސް ވުމުންވެސް އުނަގަނޑުގައި ރިއްސުމާއި ކޮނޑުހުޅުގައި ރިއްސުންފަދަ ބޮލުގައި ރިހުން ފަދަ ކަންތައް ދިމާވިޔަސް ސީދާ ޖިންސީގުނަވަނުގައި ރިއްސާ، ތަދުވާގޮތްވެ ކަންތައް ދިމާވާނީ ތަންކޮޅެއް ދުވަސްވުމުނެނެެވެ.
އާންމުކޮށް ކަސްރަތު ކުރުމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނައުމާއި ބައެއް ކަހަލަ ވައްތަރުތަކަށް ބައްޓަން ވުމުން، އިތުރަށް ގޯސްނުވެ ރަނގަޅުވެއެވެ. ނަމަވެސް މިއީ ވަރަށް މަދު ފަހަރެއްގައި ވަރަށް ކުޑަކުޑަކޮށް ފެންނަ އަލާމާތްތަކަށެވެ. ބޮޑުވަރުވެފައިވާ މައްސަލައެއް ކަމަށްވާނަމަ ޑޮކްޓަރުންގެ އެހީއާއި ބޭސްފަރުވާއާ ނުލާ ސަލާމަތް ވެވޭކަށް ނޯވެއެވެ.

