ކުޑަކުދިންގެ އިނގިލި ބުއިމަކީ ގިނަ ބެލެނިވެރިން ކަންބޮޑުވާ މައްސަލައެކެވެ. ނަމަވެސް ތަޖުރިބާކާރުން ދެކޭގޮތުގައި މިއީ ވަކި އުމުރަކާ ހަމައަށް އާންމު ކަމެކެވެ. އަދި އެއަށްފަހު މި އާދަ ދޫނުކޮށްފިނަމަ އެއީ ކަންބޮޑުވާންޖެހޭ ކަމެކެވެ.
އިނގިލި ބުއިމުގެ އާދައިން ލިބޭ ގެއްލުންތައް؛
އުމުރުން އަށް ނުވަތަ ނުވަ އަހަރަށް އެޅިގެންދާއިރުވެސް އިނގިލި ބުއިމުގެ އާދަ ދޫނުކޮށްފިނަމަ، އެކަމުން ކުއްޖާއަށް ތަފާތު ގެއްލުންތަކެއް ލިބިދާނެއެވެ. މީގެ ތެރޭގައި:
- ދަތުގެ މައްސަލަތައް ކުރިމަތިވުން
- އިނގިލި އައިބު ގޮތަކަށް ހުރުން
- އިޖްތިމާއީ ގުޅުންތަކުގައި ދަތިތަކާ ކުރިމަތިވުން
- ތާއަބަދު ކުޅު ހޭކިފައި ހުރުމަކީ ނުތާހިރުކަމަކަށްވުމުން އެހެން ކުދިންގެ މަލާމާތް ލިބުން
- ވާހަކަދެއްކުމުގެ މައްސަލަތައް ދިމާވުން
- އެހެން ކުދިންގެ މަލާމާތާ ކުރިމަތިލާން ޖެހުން

ތަޖުރިބާކާރުން ދެކޭގޮތުގައި އިނގިލިބުއިމަކީ ވަކި އުމުރަކާ ހަމައިން ހުއްޓާނުލައިފިނަމަ ކަންބޮޑުވާންޖެހޭ ކަމެއް
އިނގިލި ބުއިން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތައް; އުމުރުން ދެ އަހަރުން ފެށިގެން މި އާދަ ހުއްޓުވުމަށް އެކި ގޮތްގޮތުން މަސައްކަތްކުރެވިދާނެއެވެ. މީގެ ތެރޭގައި:
- ނިދާއިރު އަންގި ލެއްވުން
- އިނގިލީގައި ބެންޑޭޖް އެޅުން
- އިނގިލީގައި ހަބަރު ފަދަ ހިތި ނުވަތަ ދަރިފުޅު އެންމެ ގަޔާނުވާ ރަހައެއްދޭ ބާވަތަކުން އިނގިލީގައި ހޭކުން
- ހިތްވަރުދިނުމާއި އިނގިލި ބުއިން ނުހުއްޓައިފިނަމަ އިނގިއްޔާއި ދަތްތަކަށްވެސް ގެއްލުންތަކެއް ވެދާނެކަން ބުނެދިނުން
- ކުޅުވަހަކީ ހަޑި ވަހެއްކަން ބުނެދީ އަބަދު ކުޅު ހޭކިފައި އިނގިލި ހުންނަނަމަ ބަލިވެދާނެކަން ވިސްނައިދިނުން
- ކުއްޖާއަށް އެހެން ކަންކަމުން މަޝްޣޫލުވެވޭނެ ގޮތް ހެދުން
- ލޯބިން ވާހަކަދައްކައި، މަޑުމަޑުން ވިސްނައިދިނުން
ބެލެނިވެރިންގެ ދައުރު: ކުޑަކުދިންގެ އިނގިލި ބުއިމުގެ އާދަ ހުއްޓުވުމުގައި ބެލެނިވެރިންގެ ދައުރު ވަރަށް މުހިންމެވެ. ކުދިންނަށް އަޅާލައި، އެކުދިންގެ ނަފްސާނީ ހާލަތަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ. އަދި ކުއްޖާ އިނގިލި ނުބޮއި ހުންނަ ވަގުތުތަކުގައި ހިތްވަރުދީ، ކުޑަކުޑަ ހަދިޔާއެއް ދިނުމަކީވެސް ބޭނުންތެރި ކަމެކެވެ.
އުމުރުން ހަތަރު އަހަރަށްވުރެ މަތީ އުމުރުގެ ކުދިން އިނގިލި ބޯނަމަ، ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ. އަދި ބައެއް ހާލަތްތަކުގައި ކުޑަކުދިންގެ ނަފްސާނީ ޑޮކްޓަރެއްގެ އެހީތެރިކަން ހޯދުމަކީވެސް ބޭނުންތެރި ކަމަކަށް ވެދާނެއެވެ.