ލޯބިވާ މީހަކު ގެއްލުމަކީ ތަހައްމަލުކުރަން އުނދަގޫ، ހިތްދަތި ކަމެކެވެ. ދިރިއުޅުމުގެ އެންމެ އުފާވެރި ވަގުތުތަކުގައި ވެސް ކުއްލިއަކަށް މިފަދަ ހާދިސާއެއް ދިމާވެދާނެ ކަމަށް ހީވެސް ނުކުރެވޭނެއެވެ.
ލަވަކިޔުމާ ދުރަށް ދިޔުމަށްފަހު މޫސާޝިފާއު ފެނިގެންދިޔައީ ތަފާތު އަދި އެހާމެ ހެޔޮލަފާ ސިފައެއްގައެވެ. އެންމެނަށް އެނގޭ ޓްރިއޯ ޝިފާއު، އަޚް މޫސާ ޝިފާއުގެ ގޮތުގައި ފެނުނުފަހުން، ގިނަ ހިތްތަކުން އިހުނަށްވުރެ ބޮޑު ގަދަރަކާއި ލޯތްބެއް ވަނީ ލިބިފައެވެ. ޝިފާއު ދާރިސްޓީވީ އިން 29 މިނެޓް ޕްރޮގްރާމުގައި ހިއްސާކޮށްފައިވާ އޭނާގެ އިހުސާސްތަކާއި ހިތުގެ ވާހަކަތައް އިވުނު ކޮންމެ އިންސާނަކަށްވެސް އަަސަރު ކުރާނެ އެވެ.
މިމަހުގެ 13 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 17 އަހަރުގެ ޒުވާނެއް ވަނީ މި ދުނިޔެ ދޫކޮށްފައެވެ. މި ހާދިސާގައި ނިޔާވެފައިވާ 17 އަހަރުގެ ފިރިހެން ކުއްޖާއަކީ ދިވެހިރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ކަމުގައިވާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އަދި މަރިޔަމް އަޝްފާގެ ހުރި ހަމައެކަނި ދަރިފުޅު އަލްސަން މުހައްމަދެވެ. އަދި އަލްސަން އަކީ މޫސާ ޝިފާއުއަށް ބޮޑުބޭބެ ކިޔާ ކުއްޖެކެވެ.
އަލްސަންގެ ބޮޑުބޭބެ، މޫސާ ޝިފާއު، މި ހާދިސާއާ ގުޅިގެން ހިއްސާކުރި އިހްސާސްތަކުން ދޭހަވަނީ ލޯބިވާ މީހަކު ގެއްލުމުން ލިބޭ ހިތްދަތިކަމުގެ ބޮޑުކަމެވެ.
އަލްސަންއަކީ އޭނާއާ ވަރަށް ގާތް، ދަރިއެއްފަދަ ކުއްޖެއް ކަމަށް ޝިފާއު ވަނީ ބުނެފައެވެ. ރާއްޖެއިން ބޭރުގައި ހުއްޓާ މި ހަބަރު ލިބުމުން، ޝޮކުގެ ބޮޑުކަމުން ދެކަކޫމައްޗަށް ނުހުރެވި، އިށީންނަން މަޖުބޫރުވި ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި މިއީ އޭނާ ހަޔާތުގައި ތަޖުރިބާ ނުކުރާ ފަދަ ހިތްދަތި ތަޖުރިބާތަކެއް ކުރަން ޖެހުނު ކަމެއް ކަމުގައި ވެސް އޭނާ ވަނީ ބުނެފައެވެ.
“މިޔުޒިކް ކުޅުން ހުއްޓާލި ހިސާބުން އީމާންކަން މައްޗަށް އަރާފައި ތިރިވެފައި، އެހާލަތުގައި ދިޔަ ދުވަސްތަކެއް، އެކަމަކު އަޅުގަނޑުގެ އީމާންކަަން ވަރުގަދަކޮށްފައޭ އެދިޔައީ، “ގިނަ ތަޖުރިބާއެއް ނެތް އުމުރުން 17 އަހަރު ދުނިޔޭގައި ހޭދަކޮށްފައި ދިޔަ ކުއްޖެއްގެ ފަރާތުން އަޅުގަނޑުގެ ބުރަކަށީގައި ޖަހާލާފައި ބުނެފައި ދިޔަފަދަ. އޭ ބޭބޭއޭ ސަމާލުވާށޭ އީމާންކަމަށް ރައްކާތެރިވާށޭ.” މޫސާ ޝިފާއު
ލޯބިވާ މީހަކު ގެއްލުމަކީ ވަރަށް ހިތްދަތި އަދި ތަހައްމަލުކުރަން އުނދަގޫ ކަމެކެވެ. މިފަދަ ހިތާމަވެރި ހާދިސާތަކަކީ އެކަމާ ގުޅުންހުރި ފަރާތްތަކުގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްދޭ ކަންކަމެވެ. އަޅުގަނޑުމެން ކުރާ ކޮންމެ ކަމަކާއި ބުނާ ކޮންމެ އެއްޗަކީ އެހެން މީހުންނަށް އޭގެ އަސަރުކުރާނެ ކަންކަމެވެ. އެހެންކަމުން، އަޅުގަނޑުމެން ދައްކާ ވާހަކައާއި ކުރާ ޢަމަލުތަކުގެ ސަބަބުން އެހެން މީހުންނަށް ލިބިދާނެ ގެއްލުމަކާމެދު ވިސްނުން މުހިންމެވެ. އަމިއްލަ ނަފްސަށާއި ލޯބިވާ މީހުންނަށް ހިތްދަތިކަން ލިބިދާނެ ކަންކަމުން ދުރުހެލިވެ، ސަލާމަތްތެރިކަމާއި ރައްކާތެރިކަން އިސްކުރުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެކެވެ.
އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، އުމުރުން ހަގު ނަމަވެސް، އަލްސަން ދީފައިވާ ނަސޭހަތެވެ. އެރޭގެ އެހާދިސާގެ ކުރިން “އޭ ބޭބޭއޭ ސަމާލުވާށޭ އީމާންކަމަށް ރައްކާތެރިވާށޭ،” މި ބަސްތައް ބުނެފައި ދިޔުމަކީ، ޝިފާއުގެ ހިތަށްވެސް ފުންއަސަރުތަކެއް ކުރުމާއެކު އޭނާގެ އީމާންތެރިކަމަށް ލިބުނު ގަދަފަދަ ހިތްވަރެއްވެސްމެއެވެ.
ލޯބިވާ މީހަކު ގެއްލުމަކީ އިންސާނާގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނުވައިދޭ ކަމެކެވެ. ނަމަވެސް މިފަދަ ހާދިސާތަކުން އަޅުގަނޑުމެންނަށް ލިބޭ ނަސޭހަތްތަކާއި ހަނދާންތަކަކީ އަޅުގަނޑުމެންގެ ދިރިއުޅުން އިތުރަށް ރަނގަޅުކޮށް، އީމާންތެރިކަން އިތުރުކުރުމަށް ލިބޭ ފުރުސަތުތަކެކެވެ.
ލޯބިވާ މީހަކު ދުނިޔެ ދޫކުރުމަކީ ތަހައްމަލު ކުރަން ފަސޭހަ ކަމެއް ނޫނެވެ. މި ހާދިސާގެ އިތުރުން ހަމަ އެ ހަފްތާގައި ވަރަށް ހިތާމަވެރި ގިނަ ހާދިސާތައް ވަނީ ހިނގާފައެވެ. މިއިން ކޮންމެ ހާދިސާއަކީ ކޮންމެ ވެސް ބައެއްގެ ނުވަތަ އެމީހަކު ދެކެ އިންތިހާއަށް ލޯބިވާ މީހަކަށް ލިބިގެންދާ ހިތްދަތިކަމެވެ. ކޮންމެ ވެސް މީހެއްގެ ދިރިއުޅުން ބަދަލުކޮށްލާނެ ކަމެކެވެ. އެހެންކަމުން ކޮންމެ ކަމެއް ކުރާއިރު ވެސް ނުވަތަ އެއްވެސް އެއްޗެކޭ ބުނާއިރު ތިމާގެ ލޯބިވާ މީހުންނާ މެދު ވިސްނާލާ، ބުނެވޭ އެއްޗެއްގެ ސަބަބުން އަނެކާއަށް ލިބިދާނެ ގެއްލުމަކަށް ވިސްނާލަމާ ހެއްޔެވެ؟ ތިމާއާއި ތިމާ ލޯބިވާ ފަރާތްތަކަށް އެއްވެސް ގޮތަކުން ހިއްދަތިކަން ލިބިދާނެ ކަންތައްތަކުން ދުރުވެ، ސަލާމަތާއި ރައްކާތެރިކަން އިސްކުރަމާތޯއެވެ.