ގަވާއިދާ ހިލާފަށް މާލޭ ސަރަހައްދުގައި އުޅެމުންދިޔަ އިތުރު ބިދޭސީންތަކެއް މޯލްޑިވްސް އިމިގްރޭޝަނުން އަނެއްކާވެސް އަތުލައިގެންފިއެވެ.
އިމިގުރޭޝަނުން ބުނީ ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، ޓާސްކް ފޯސްއިން ވަނީ އިއްޔެ ހެނދުނު މ.އަސަރީހިނގުން އަދި އަސަރީ ގޯޅިގައި ބިދޭސީން ހަރަކާތްތެރިވާ ތަންތަނަށް އަމާޒުކޮށް ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި ކަމަށެވެ.

މާލޭ ސަރަހައްދުގައި އުޅެމުންދިޔަ ބިދޭސީންތަކެއް އިމިގްރޭޝަނުން ޗެކް ކުރަނީ
އެގޮތުން، އެ އޮޕަރޭޝަނުގައި ޖުމްލަ 57 ފަރާތެއް ޗެކްކޮށް، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިއަ 09 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ 08 ފިރިހެނުންނާއި 01 އަންހެނަކު ކަމަށް އިމިގުރޭޝަނުން ވަނީ ބުނެފައެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ހާއްސަ އޮޕަރޭޝަންތައް އިމިގުރޭޝަނުން ހިންގަމުން އަންނައިރު، އެ އޮޕަރޭޝަންތަކުގައި އެތައް ބިދޭސީންނެއް މިވީހާތަނަށް ވަނީ އަތުލައިގަނެފައެވެ.