މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ ހަސަން ޔާމީން ސިނަމާލެ ބްރިޖް މަތިން މޫދަށް ފުންމާލާފައިވާކަމަށް ފުލުހުން ބުނެފި އެވެ.
މި މަހުގެ 11 ވަނަ ދުވަހު ރޭގަނޑު 21:25 ހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުން، އާއިލާއަށް ހަބަރެއް ނުވެ، ގެއްލިފައިވާއިވާ ކަމަށް ރިޕޯޓް ކުރުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާތާ މިހާރު ހަފްތާ އަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އޭނާ ސިނަމާލެ ބްރިޖުން ފުންމާލާތަން ފެންނަނީ މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ފަތިހު 3:24 ގައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ޔާމީން ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އާއިލާއާ ހަވާލާދީ ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ޔާމީން ގެއިން ނުކުމެގެން ގޮސްފައިވަނީ ޖުލައި 11 ވަނަ ދުވަހުގެ ރޭ 9:30 ހާއިރު އެވެ.
ފުލުހުން ވިދާޅުވީ ޔާމީން ހޯދުމަށް ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖް ބެލުމުގެ ތެރޭ، ޔާމީން ފުންމާލާ މަންޒަރު ފެނިފައި ވާތީ އެކަން އާއިލާއާ ހިއްސާކޮށް އާއިލާއާ ވަރަށް ގާތުން ތަހުގީގު ޓީމުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
މި މައްސަލަައިގެ ތަހުގީގަށް ލިބުނު އެ މައުލޫމާތާއި ގުޅިގެން، މެރިން ޕޮލިހާއި އެމްއެންޑީއެފްގެ ކޯސްޓްގާޑާއި ގުޅިގެން، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަަމަށްވެސް ފުލުހުން ވިދާޅުވިއެވެ.