ލ. ކުނަހަންދޫ ބަނދަރުގައި އޮތް މުދާ އުފުލާ ދޯންޏެއްގައި މިއަދު މެންދުރު ކުރީ 11 ޖެހިއިރު ރޯވެ، ބޮޑު ގެއްލުމެއް ވެއްޖެ އެވެ. 115 ފޫޓުގެ މި ދޯނީގައި އަލިފާން ރޯވި އިރު ދޯނީގައި އެއްވެސް މީހަކު ނެތް ކަމަށް ވެއެވެ.
ދޯނީގެ ވެރިފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، އަލިފާނުގެ ހާދިސާ ހިނގީ ދޯނީގައި ތިބި މީހުން ރަށަށް ފޭބި ވަގުތެއްގައެވެ. އެހެންކަމުން މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ. ނަމަވެސް ދޯނީގައި ހުރި ގިނަ މުދަލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
އަލިފާން ރޯވުމާ ގުޅިގެން ރަށުގެ ރައްޔިތުން ވަނީ ދޯނީގައި ހުރި ބައެއް މުދާ ސަލާމަތްކުރުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. މި މަސައްކަތުގެ ސަބަބުން ބައެއް މުދާ ވަނީ ސަލާމަތްކުރެވިފައެވެ.
މި ހާދިސާ ހިނގި ސަބަބާ ގުޅޭގޮތުން މިވަގުތާ ހަމައަށް އެއްވެސް މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ. އަދި ކަމާބެހޭ ފަރާތްތަކުން މި މައްސަލަ ބަލަމުންދާ ކަމަށް ވެއެވެ.

