ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެންމެ ފާހަގަކުރެވުނު އެއް ކަމަކީ ރައްޔިތުން އެދޭގޮތަށް ސަރުކާރުގެ މަޝްރޫޢުތައް ބައްޓަންކުރެއްވުމަށް އެމަނިކުފާނު އިސްކަން ދެއްވާ މިންވަރު ކަމަށް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ނ. އަތޮޅުގެ ހުރިހާ ރަށަކަށް ރައީސް ކުރެއްވި ދަތުރުފުޅާ ގުޅޭގޮތުން ވަޒީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މިއީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމާއި ރައްޔިތުންނާ ގާތުން ވެރިކަންކުރެއްވުމަށް ރައީސް ދެއްވާ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ރައްޔިތުން ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ޔަގީންކަންވެސް ދެއްވާފައިވެއެވެ.
“މި ދަތުރުފުޅުން ކުރިމަގުގައި ސަރުކާރުގެ މަޝްރޫޢުތައް ރޭވުމުގައި ރައްޔިތުންގެ މަޝްވަރާއާއި ޚިޔާލު ހޯދުމަށް އިތުރު ހިތްވަރެއް ލިބިގެންދިޔަ،” ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގައި ލާމަރުކަޒީ ނިޒާމާއި ރައްޔިތުންގެ ބާރުވެރިކަން އިތުރުވާނެކަމުގެ ޔަގީންކަން އޮތްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ރައީސް މުއިއްޒު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވައި މިއަދު ވަނީ މާލެ ވަޑައިގެންފައެވެ.