ރާއްޖޭގެ ކުރީގެ ކުޅިވަރުގެ ވަޒީރުން ކޮށްދީފައިވާ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ޚާއްޞަ އެވޯޑެއް ދީފިއެވެ.
މި އެވޯޑްތައް ހަވާލުކޮށްފައިވަނީ، ރޭ މީރުމާ ހޮޓެލްގައި ބޭއްވި “ކުޅިވަރު ވަޒީރުންގެ އަގުވަޒަންކުރުމާއި ކާމިޔާބީ އަރުޝީފުކުރަން ފެށުމުގެ ރަސްމިއްޔާތު” ގެ ތެރެއިން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢުއެވެ.
އެ ޚާއްޞަ ރަސްމިއްޔާތުގައި އެވޯޑް ދިން ރާއްޖޭގެ ކުރީގެ ކުޅިވަރުގެ ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، (ނ. ޢ. ޢ. ވ)، އަލްމަރްހޫމް އުމަރު ޒާހިރު، ރާޝިދާ ޔޫސުފް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، (ނ. ޢ. ޢ. ވ)، ޑޮކްޓަރ މުޙައްމަދު ޒާހިރު ހުސެއިން، އަލްމަރްހޫމް އިބްރާހިމް ހުސެއިން މަނިކު، ހުސެއިން ހިލްމީ، މުޙައްމަދު ވަހީދުއްދީން، ޑރ. އައިޝަތު ޝިހާމް، އަލްއުސްތާޛު ހަސަން ލަތީފް، މުޙައްމަދު ހުސެއިން ޝަރީފް، މުޙައްމަދު މަލީހް ޖަމާލް، އަހުމަދު ޒުހޫރު، އިރުތިޝާމް އާދަމް އަދި އަހުމަދު މަހުލޫފްއެވެ.
ރާއްޖޭގެ ކުޅިވަރުގެ ވަޒީރުންގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ އިތުރުން އެކި ވަޒީރުންގެ ދައުރުގައި ކުޅިވަރުގެ ދާއިރާއިން ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުން އެތުލީޓުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް، އަރުޝީފުކުރުމުގެ މަސައްކަތް ވަނީމި ރަސްމިއްޔާތުގައި ފެށިގެންގޮސްފައެވެ.