ބޯހިޔާވަހިކަމާއި، މަސްވެރިކަމާއި ސިއްޙީ ދާއިރާ ހިމެނޭހެން، ކުރިއަށް އޮތް ދުވަސްތަކުގައި އެކުގައި ކުރެވިދާނޭ މަސައްކަތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއެކު މިއަދު މަޝްވަރާ ކުރައްވައިފި އެވެ.
މި މަޝްވަރާތައް ކުރެއްވީ ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއްގައެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ އިޙްތިފާލުތަކުގައްޔާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް އިފްތިތާޙުކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެންނެވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
“ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް އިފްތިތާޙުކުރެއްވުމުގެ އިޙުތިފާލުތަކުގައި ބައިވެރިވެވަޑައިގެންނެވޭތީ އުފާކުރައްވާ ކަމަށާއި، ދިވެހިރާއްޖޭގެ 60 ވަނަ މިނިވަންދުވަހުގެ އިޙުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ދަޢުވަތު ލިބިވަޑައިގަތުމަކީ ޝަރަފެއް,” ކަމުގައި ސުލްޠާން ބިން ޢަބްދުއްރަޙްމާން ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ދެއްވާ އެހީތެރިކަން، ޚާއްޞަކޮށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަޝްރޫޢަށް ވެދެއްވާފައިވާ އެހީތެރިކަމުގެ އަގުވަޒަންކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. އަދި މި މަޝްރޫޢުގެ ކުރިއެރުންތައް ސަޢޫދީ ޢަރަބިއްޔާގެ ޝާހީ ދަރުބާރުން ގާތުން ބައްލަވަމުން ގެންދެވިކަން ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ދެ ފަރާތުން މަޝްވަރާކުރެއްވި އެހެނިހެން ކަންތައްތަކުގެ ތެރޭގައި ބޯހިޔާވަހިކަމާއި، މަސްވެރިކަމާއި ސިއްޙީ ދާއިރާއިން ކުރިއަށް އޮތް ދުވަސްތަކުގައި އެކުގައި ކުރެވިދާނެ މަސައްކަތްތައް ހިމެނެއެވެ.