ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލަކީ ދިވެހިންގެ ޝަރަފަށް އިތުރުވި އާ ބޮޅެއް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފު ވިދާޅުވެއްޖެއެވެ.
އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ބެއްލެވި ކަމަކީ ޓާމިނަލްގެ ހާލަތެވެ. އޭރު ޓާމިނަލްގައި ހަތަރު ފާރު ހުރި ނަމަވެސް، ގިނަ މަސައްކަތްތަކެއް ނުނިމި ހުރި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
2023 ވަނަ އަހަރު މަޝްރޫއު ފެށުމުގައި ދިމާވި ގޮންޖެހުންތަކުގެ ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ލިބޭނެ ގޮތެއް ނެތުމާއި، ފައިސާ ހޯދުމުގެ ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒުގެ ސީދާ ބެއްލެވުމުގެ ދަށުން މި ދަތިތައް ހައްލުކުރެވުނު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
“ބައްޕައަކު ދަރިފުޅަށް ދޭ އިރުޝާދާއި ނަސޭހަތް މިކަމުގައި ދެއްވަމުން ގައުމުގެ ވަލީޔުލްއަމްރު ވިދާޅުވަމުން ގެންދެވީ މި ވައިގެ ބަނދަރު ނިންމާ ހިދުމަތަށް ނެރެ ދިވެހިން އުފާކޮށްދޭން ތިމަން މަނިކުފާނު ހާދަ ބޭނުންފުޅުވެއޭ،” ޝަރީފް ވިދާޅުވިއެވެ.
ޓާމިނަލް ނިންމުމުގެ މަސައްކަތުގައި އެމްއޭސީއެލްގެ މުވައްޒަފުން ދެއްކި ހިތްވަރާއި ވަފާތެރިކަން ފާހަގަކުރައްވަމުން، ޑިއުޓީ ނިންމުމަށްފަހު ވެސް އިތުރުގަޑީގައި މަސައްކަތްކޮށް، މަޝްރޫއު ނިންމުމަށް އެ މުވައްޒަފުން ދެއްކި ހިތްވަރު ޝަރީފް ފާހަގަކުރެއްވިއެވެ.
2016 ވަނަ އަހަރު ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕާ ހަވާލުކުރެވުނު މި މަޝްރޫއުގެ ޓާމިނަލްގައި 78،000 އަކަ މީޓަރުގެ ބޮޑުމިން ހުންނައިރު، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެއެވެ. މަޝްރޫއަށް ގެނެވުނު ބަދަލުތަކާއެކު ޖުމްލަ 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ހޭދަކުރެވުނު މި މަޝްރޫއަކީ ރާއްޖޭގެ އިގްތިސާދަށް އާ ދިރުމެއް ގެނެސްދޭނެ މުހިންމު މަޝްރޫއެއް ކަމަށް ބެލެވެއެވެ.