ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓާރމިނަލްގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. މިކަން ފަށާފައިވަނީ މިއަދުގެ ޢަސްރު ނަމާދުން ފެށިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިކަން އިޢުލާނު ކުރެއްވިއެވެ. މި އައު ޓާރމިނަލަކީ 78 ހާސް އަކަ މީޓަރުގެ ސަރަހައްދެއްގައި ތަރައްޤީކޮށްފައިވާ، އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ފެންވަރުގެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ޓާރމިނަލެކެވެ.
މި ޓާރމިނަލްގެ ޑިޕާޗަރ ހޯލުގައި 47 ޗެކިން ކައުންޓަރު ޤާއިމުކޮށްފައިވާއިރު، އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސާވިސް ޗެކިން ކިއޮސްކް ވެސް ވަނީ ބަހައްޓާފައެވެ. މިއީ ރާއްޖެއަށް މުޅިން އަލަށް ތަޢާރަފުކުރެވޭ ޚިދުމަތެކެވެ. އަދި ސީޕްލޭންއަށް ޚާއްޞަ 24 ޗެކިން ކައުންޓަރު ވެސް މި ޓާރމިނަލްގައި ޤާއިމުކޮށްފައިވެއެވެ.
އައު ޓާރމިނަލް ރަސްމީކޮށް ހުޅުވައިދެއްވީ ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އިބްރާހިމް ޝަރީފް މުޙައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޓާރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި، ޓާރމިނަލްގެ މޮޑެލްއެއް ރައީސުލްޖުމްހޫރިއްޔާއަށް ވަނީ އަރުވާފައެވެ. މި އައު ޓާރމިނަލްއާއެކު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެއެވެ.

