އިންޑިއާގެ ޓީވީގައި މިދުވަސްކޮޅު އެންމެ ބޮޑު ސުވާލަކީ އެންމެ ބޮޑު ބަހުސަކީވެސް، “ކިއުންކީ ސާސް ބީ ކަބީ ބަހޫ ތީ” (Kyunki Saas Bhi Kabhi Bahu Thi) 25 އަހަރު ފަހުން ސްޓާ ޕްލަސްއަށް އެނބުރި އައިސްފައިވާއިރު، ފާއިތުވެދިޔަ ފަސް އަހަރު ދުވަހު މެދުނުކެނޑި އެއްވަނައިގައި ދެމި އޮތް “އަނޫޕަމާ” (Anupamaa) އަށް މިކަމުގެ އަސަރު ކުރާނެބާ އެވެ. މިއީ މިހާރު އިންޑިއާގެ ޓީވީ ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑަށް ދެކެވެމުންދާ ވާހަކައެކެވެ.
ޒުވާނުންގެ ގިނަ ޑްރާމާތައް ދައްކަމުންދާ ސްޓާޕްލަސްއިން މެދުއުމުރަށްވުރެ ދޮށީ އަންހެނެއްގެ ވާހަކަ މަގްބޫލު ވެފައި ވަނީ އިންތިހާއަށެވެ. ބެލުންތެރިން ކިރިޔާވެސް ވާހަކައިން ނެއްޓި ފޫހިވާކަހަލަ ހިލަމެއް ވާހިސާބުން ސީރިޒްގެ ޑައިރެކްޓަރ ވާހަކައަށް ބަދަލުގެންނަނީ ސިހިގެން ދާ ފަދަ ގޮތަކަށެވެ. އިންޑިއާގެ ކޮންމެ ގެއެއްގައިވެސް “އަނޫޕަމާ” އެއް އުޅޭ ކަމުގެ ހަރު ބަހާއެކު މިސީރީޒްއިން އަނޫޕަމާ ވަނީ އިންޑިއާއާއި އިންޑިއާއިން ބޭރު މުޅި ދުނިޔޭގައިވެސް އެތައްބައެއްގެ ހިތް ފަތަހަކޮށްފައެވެ.
ހަމަ އަނެއްކޮޅަށް ބަލާލާއިރު އެކްތާ ކަޕޫރުގެ އެތައް ގިނަ ސީރީޒްތަކުގެ ތެރެއިން އެނބުރި އައީ “ތުލްސީ” ކިޔުނކީސާސްބީހ ކަބީހ ބަހޫތީ (ސަބަބަކީ، މައިދައިތަައަކީވެސް އެއްއިރެއްގައި ޅީދަރިއަކަށްވީތީ،) އެވެ. މިއީ އޯޑިއަންސް އުއްމީދުކުރި ވަަރަށްވުރެ ބޮޑު ހަދިޔާއެކެވެ. ސަބަބަކީ ކިޔުނކީ އެތައް ކާފު ޑްރާމާތަކެއްގެ މެދުން، މީހުންގެ ހިތުގައި ޖާގަ ހަދާފައިވާތީއެެވެ.
“ކިއުންކީ”ގެ އެނބުރިއައުން: އާރާއި ބާރާއެކު،
މަޝްހޫރު ސީރީޒް “ކިއުންކީ ސާސް ބީ ކަބީ ބަހޫ ތީ” އެނބުރި ސްޓާ ޕްލަސްއަށް އައުމަކީ އެތައް ބަޔަކަށް އުފާވެރި ޚަބަރެކެވެ. މީގެ 25 އަހަރު ކުރިން ފެށުނު މި ސީރީޒް އަލުން ފަށާފައިވާއިރު، ތުލްސީ ވިރާނީގެ ރޯލުން މަޝްހޫރު ބަތަލާ ސްމިރިތީ އިރާނީއާއި، މިހިރުގެ ރޯލުން އަމަރު އުޕާދިޔާއުވެސް ވަނީ އެނބުރި އައިސްފައެވެ. މިއީ ސީރީޒްގެ ދުވަސްވީ ފޭނުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ގެނެސްދީފައިވާ ކަމެކެވެ.
މި އަލަށް ފެށި ސީރީޒްގައި ކުރީގެ ކޮންމެ ސީރީޒްއެއްގައި ހުންނަ ފަދައިން އާއިލީ ޑްރާމާތަކާއި، މޮޑަން ވާހަކަތައް އެއްކޮށްލާފައި ވަނީ މީލޭނިއަލްސްއާއި ޖެން-ޒީ އާވެސް ގުޅުން އުފެއްދުމުގެ މަޤްސަދުގައެވެ. މިއީ ޖުމްލަ 150 އެޕިސޯޑުގެ “މިންކަނޑައެޅިފައިވާ’ ސީރީޒެއް ކަމަށްވާއިރު، މިސީރީޒްގެ ބޮޑު ބޭނުމަކީ ގިނަ ދުވަހު ދެމިނުހުރެ، ވަކި މުއްދަތެއްގައި ބެލުންތެރިންގެ ސަމާލުކަން ހޯދައި، ބޮޑު އަސަރެއް ފޯރުވުމެވެ.
“އަނޫޕަމާ”ގެ ވަރުގަދަ ގަދަފަދަ ކަން: ފަސް އަހަރުގެ ލޯބި
“އަނޫޕަމާ” ސީރީޒް ވަނީ ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި އިންޑިއާގެ ޓީވީގައި އެންމެ ގިނައިން ބެލި ސީރީޒްގެ ގޮތުގައި ސްޓާ ޕްލަސްގައި ނަންބަރު އެކެއްގައި ހިފަހައްޓާފައެވެ. 2020 ވަނަ އަހަރުން ފެށިގެން 1,700 އަށްވުރެ ގިނަ އެޕިސޯޑުތަކާއެކު މި ސީރީޒް ވަނީ ވަރަށް ގިނަ ބެލުންތެރިންގެ ލޯބި ހޯދާފައެވެ.
މި ސީރީޒްއަށް ދާދި ފަހުން ވަނީ ބޮޑު ލޮޅުމެއް ގެނުވާފައެވެ. މަންމައާއި ދަރިފުޅުގެ އަހަރުތަކެއްވީ ވަކިވުމަށް ހެޔޮ ބަދަލުތަކެއް އައުމަށްފަހު އަނެއްކާވެސް އެދެމެދުގައި އުސްފާރެއް ވަނީ ލެވިފައެވެ. އަދި 8 މަހުގެ ފަސް ދައްކަން ފެށުމާއެކު މިހާތަނަށް އައި ކޮންމެ އެޕިސޯޑަކުންވެސް މޭގައި ހިފަހައްޓާލައިގެން ތިބެން ޖެހޭވަރަށް “އިހުސާސްތަކާއި ރިހުން” ވަނީ ހިމަނާފައެވެ. އަމުދުން މިހަފުތާއަކީ ބެލުންތެރިން ކެތްތެރިކަމެއް ނެތި އަނެއްރޭގެ އެޕިސޯޑަށް އިންތިޒާރު ކުރަމުންދާ ހަފްތާއެކެވެ. މަންމައަކާއި ދަރިއެއްގެ ދެމެދުގެ ލޯތްބާއިނަފުރަތު، ދެމީހުންވެސް އެމީހުން އެންމެ ލޯބިވާ އިންސާނާގެ ނަމަށް ގަދަރު ކުރާ ވަރު، އަދި އެދެމެދުގައި ލެވިފައިވާ ހުރަސްފާރު ހިލައިގެ ފާރަކަށް ހެދުމަށް އެތައް ބަޔަކު މިންނެތް ހިތްވަރު ކުރަމުން ދިއުނ،ް މިހާ ހޫނު ވަގުތެއްގައި ތުލްސީ އައުުމުން، ބެލުންތެރިންގެ ސަމާލުކަމަށް ބަދަލުތަކެއް އައިސްދާނެބާވައޭ ކޮންމެމީހަކުވެސް ހިތަށް އަރާނެއެވެ.
އެހެންނަމަވެސް ސީރީޒްގެ މުހިންމު ބަތަލާ ރޫޕާލީ ގަންގޫލީ (އަނޫޕަމާ) ވެސް ތުލްސީއަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، މި ދެ ސީރީޒްގެ ދެމެދުގައި ވާދައަށްވުތެ ބޮޑަށް އޮތީ ގާތް ރަހުމަތްތެރިކަމެއް ކަމަށް ވަނީ ދައްކާލާފައިވެއެވެ.
“ކިއުންކީ” އަށް “އަނޫޕަމާ”ގެ ތަޚުތު ފޭރިގަނެވޭނެބާ؟
“ކިއުންކީ” އަށް ވަގުތުން “އަނޫޕަމާ”ގެ ތަޚުތު ފޭރިގަނެ، ނަންބަރު އެކެއްގައި ހިފަހައްޓަން ފަސޭހައެއް ނުވާނެ ކަމަށް ބެލެވެއެވެ. “ކިއުންކީ”ގެ މަގުބޫލުކަން ބިނާވެފައިވަނީ ނޮސްޓަލްޖިއާ (ކުރީގެ ހަނދާންތަކަށް) ކަމަށްވާއިރު، “އަނޫޕަމާ”އަށް ވަނީ ދިގު މުއްދަތެއްގައި ބެލުންތެރިންގެ ޖަޒުބާތީ ގުޅުމަކާއި ވަފާތެރި ފޭންބޭސްއެއް އުފެދިފައެވެ.
ސްޓާ ޕްލަސްއިން ދައްކާ ގޮތުގައި މި ދެ ސީރީޒް ބެލެނީ ވާދަވެރި ދެ ސީރީޒެއްގެ ގޮތުގައި ނޫނެވެ. ބަދަލުގައި އެއީ އެކަކު އަނެކަކަށް އެހީތެރިވެ، ބެލުންތެރިންނަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދޭ ދެ ސީރީޒްގެ ގޮތުގައެވެ. އެގޮތުން “އަނޫޕަމާ” ރޭގަނޑު، ރާއްޖެގަޑިން 9:30 ގައި އަދި “ކިއުންކީ” ރޭގަނޑު 09:30 ގައި ދައްކަން ހަމަޖައްސާފައިވުމުން، ދެ ސީރީޒްއަށްވެސް އެއްވަރަކަށް ބެލުންތެރިން ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ވުމާއެކު، “ކިއުންކީ”އިން ބެލުންތެރިންގެ ސަމާލުކަން ހޯދާ، ޚަބަރުތަކުގެ ފަލަ ސުރުޚީތަކަށް އައުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް “އަނޫޕަމާ” ފަސޭހައިން ތަޚުތުން ފައިބާނެ ކަމަކަށް ނުބެލެވެއެވެ. މިއީ ދެ ރަސްކަލުންގެ ބައްދަލުވުމެއް ފަދަ ކަމެކެވެ، ދެމެދުގައި ހަނގުރާމައެއް އޮތް ކަމަށްވުރެ ބޮޑަށް އޮތީ ސުލްހައިގެ ގާތްކަމެއްކަމަށް ފެނެއެވެ. ވާގޮތް ބަލަން ތިބެމާދޯ، އެނގިދާނެތާ!

