ދައުލަތަށް ގިނަ މުއްދަތަކަށް ހިދުމަތް ކުރުމުގެ ޝަރަފުގެ ބެޖާއި އައްޑަނަ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ޗީފް މެކޭނިކަލް އިންޖީނިއަރ އަލްފާޟިލް އަލީ އަހުމަދަށް އަރުވައިފިއެވެ.
ސްޓެލްކޯގެ ޗީފް މެކޭނިކަލް އިންޖީނިއަރ އަލީ އަހުމަދަކީ ދައުލަތަށާއި އެކުންފުންޏަށް 40 އަހަރަށްވުރެ ދިގު މުއްދަތަކަށް އަގުހުރި ހިދުމަތްތަކެއް އިހްލާސްތެރިކަމާއިއެކު ކޮށްދެއްވަމުން ގެންދަވާ މުވައްޒަފެކެވެ. މި ފަހުރުވެރި ކާމިޔާބީއާއި ގުޅިގެން ސްޓެލްކޯގެ ބޯޑާއި، އިސްވެރިން އަދި މުވައްޒަފުންގެ ފަރާތުން ވަނީ މަރުހަބާ ދަންނަވާފައެވެ.
“ރައްޔިތުންނަށް ހިދުމަތް ދިނުމުގައި މަތިވެރި ރޫހުގައި، ސާބިތުކަންމަތީ ދެމިހުންނަވައިގެން ތިޔަ ކޮށްދެއްވަމުންގެންދަވާ އިހްލާސްތެރި ގައުމީ ހިދުމަތް މިކުންފުނިން ބަލައިގަންނަނީ ފަހުރާއި، ޝުކުރުވެރިކަމާއިއެކު،” ސްޓެލްކޯ
އަލީ އަހުމަދަށް މި ޝަރަފު ލިބިވަޑައިގަތުމަކީ އެމަނިކުފާނުގެ ދިގު މުއްދަތުގެ ހިދުމަތަށް ލިބިގެންދިޔަ ވަރަށް މުހިންމު ބަދަހި އެއްކަމުގައި ސްޓެލްކޯގެ އިސްވެރިން ވަނީ ފާހަގަކުރައްވާފައެވެ. އަދި މިފަދަ ދިގު މުއްދަތަކަށް އިހްލާސްތެރި ހިދުމަތެއް ކޮށްދެއްވާ މުވައްޒަފުންނަކީ ކުންފުންޏަށް ލިބިފައިވާ ވަރަށް މުހިންމު ބާރެއްކަމުގައިވެސް ފާހަގަކުރެއްވިއެވެ.