މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެހްތެޝާމް އަބްދުލް މުހައިމިން މަޤާމުން އެކަހެރިކޮށްފައިވާކަމަށް އިސްލާމިކް ބޭންކުން ހާމަކޮށްފިއެވެ.
މައުލޫމާތު ލިބުނު ގޮތުގައި ބެންކުގެ ބޯޑަށް ނާންގާ ގިނަ އަދަދެއްގެ ފައިސާ އޭނާ ވަނީ ނަގާފައެވެ. އަދި މިދިޔަ ހުކުރު ދުވަހު އޭނާ ވަނީ ރާއްޖެއިން ފުރާފައެވެ.
އެމްއައިބީން ރޭ ނެރުނު ބަޔާނުގައި ބުނާގޮތުން އެހްތެޝާމް ވަނީ މަގާމުން ސަސްޕެންޑުކުރުމުން އެ މަގާމުގެ މަސްއޫލިއްޔަތުތައް މިއަދުން ފެށިގެން އަދާކުރާނީ އެ ބޭންކުގެ ސީއޯއޯ އަހުމަދު ރިޒާއެވެ.
އެބޭންކުގެ ސީއީއޯ ސަސްޕެންޑް ކުރި ޚަބަރު މިދިޔަ ބުރާސްފަތި ދުވަހު މީޑީޔާގައި ފެތުރެން ފެށުމުން އެމްއައިބީން ވަނީ އެޚަބަރު ދޮގުކޮށް ބަޔާނެއް ނެރެފައެވެ. އެހެންނަމަވެސް ރޭ ނެރުނު ބަޔާނުގައި ސީއީއޯ މަޤާމުން އެކަހެރި ކުރިކަމަށް ބުނެފައިވީ ނަމަވެސް ވަކި ސަބަބެއް ބަޔާންކޮށްފައިނުވެއެވެ.
އެމްއައިބީގެ ސީއީއޯގެ މަގާމާއި 2019 ވަނަ އަހަރު ހަވާލުވި އެހްތެޝާމް އަބްދުލް މުހައިމިން ވަނީ މި ދާއިރާގައި 30 އަހަރު މަސައްކަތް ކުރައްވާފައެވެ. އެގޮތުން އޭޝިއާ، އޮސްޓްރޭލިއާ، އަދި މެދު އިރުމަތީގެ ބޮޑެތި ކުންފުނިތަކުގައި އޭނާ ވަނީ މަސައްކަތް ކުރައްވާފައެވެ.